ގިރާވަރުފަޅާއި ހުޅުމާލޭ ފޭސް 3 ހިއްކުން މެދުނުކެނޑި، ބާރު ސްޕީޑުގައި ނިންމައިލެވޭނެ: ސީއެމްސީސީ

ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން -- ފޮޓޯ/ އެޗްޑީސީ

ގިރާވަރުފަަޅާއި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމައިލާނެ ކަމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އިން ބުނެފިއެވެ.

ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު، މިދިޔަ މަހު އަލުން ވަނީ ފަށައިފައެވެ.

ސީއެމްސީސީއިން ބުނީ އެ މަސައްކަތް ލަސްވެ، ގިނަ ދުވަސްތަކެއް ވެފައިވަނީ މަޝްރޫއުގެ އޮނިގަނޑަށާއި، މާސްޓާ ޕްލޭންތަކަށް ބަދަލު ގެނައުންފަދަ ކަންކަމާ ގުޅިގެން ކަމަށެވެ. އަދި މި ބަދަލުތަކާއެކު ވެސް ކޮންޓްރެކްޓުގައިވާ ކަންކަން ފުރިހަމަ ކުރުމުގެ ގޮތުން، އެއްވެސް ހުރަހެއް ނެތި މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް އިންތިޒާމު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސީއެމްސީސީން ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށް ކަމަށާއި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމުން، ގިރާވަރު ފަޅުގެ މަސައްކަތްތައް ވެސް އަލުން ފަށާނެ ކަމަށާއި އެ މަސައްކަތްތައް ވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލެ ރައްވެހިންނަށް ގޯތި ދޫކުރަން ހިއްކަމުން އަންނަ ގިރާވަރު ފަޅު --- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ސީއެމްސީސީން އިތުރަށް ބުނީ ޒިންމާދާރުކަމާއެކު މަޝްރޫއުތައް ކުރިއަށްގެންދާ ކުންފުންޏެއްގެ ހައިސިއްޔަތުން، ސޮއިކުރާ ކަންކަމާއި ވައުދުވާ ކަންކަން ފުއްދުމަށް އަބަދުވެސް އިސްކަން ދޭނެކަމަށެވެ.

އެ ކުންފުނިންވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރާއި، ސްޓޭކްހޯލްޑަރުންނާއި ކުންފުނީގެ ޕާޓުނަރުންގެ އިތުރުން ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ މަހުގެ 25ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އަލުން ފަށާފައިވާއިރު މި ފިޔަވަހިން ބާކީ އޮތީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމުންކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ސުނާމީއަށް ފަހު ތ. ވިލިފުށީގެ ބިން ހިއްކާ އެ ރަށްވަނީ ތަރައްގީކޮށްފައި --

ސީއެމްސީ ރަޖިސްޓަ ކުރެވިފައިވަނީ 2014 ވަނަ އަހަރުގައި ނަމަވެސް، ރާޖޫއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި، ރައީސް މައުމޫންގެ ޒައާމަތުން ފެށިގެން ޚިދުމަތް ކުރަމުން އަންނަ ޒަމާންވީ ބައިވެރިއެކެވެ. ރާޖޫގެ ކުންފުނިން ރާއްޖޭގައި ފުރަތަމަ ބިން ހިއްކުމުުގެ މަޝްރޫއުތައް ފަށާފައިވަނީ 2004 ވަނަ އަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ ކުންފުނިން ކޮށްފައިވަނީ އޭރު ސުނާމީގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށް ކަމަށްވާ، ތ. ވިލިފުށީގެ ބިން ހިއްކުމުގެ މަސައްކަތެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެފްއައިއެސްބީ (FISB) ގެ ދަށުން ހިތަދޫ ބަނދަރު ތަރައްޤީ ކުރުމަށް ޓަކައި ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފެށި ފަރާތަކީ ސީއެމްސީކަަން ފާހަގަކޮށްލަން ޖެހެއެވެ. މި މަޝްރޫޢު ފަހުން އިހަވަންދިއްޕޮޅަށް ބަދަލުކުރެވި، ދިވެހިރާއްޖޭގެ ސަރުކާރަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ގޮތަކަށް "ގްލޯބަލް ގްރީން ސިޓީ" ގެ ކޮންސެޕްޓްގެ ދަށުން ގުޅިފަޅުގައި ކުރެވުނެވެ. މި މަޝްރޫޢުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ގާތްގަނޑަކަށް 670,000 ދިވެހި ރުފިޔާއަށް ވިކިފައިވެއެވެ.

ރާޖުގެ މޭސްތިރިކަމުގައި ސީއެމްސީސީ އިން ނިންމާފައިވާ ޕްރޮޖެކްޓެއް.

އެ ކުންފުނިން ވަނީ މިހާތަނަށް ރާއްޖޭގެ 14 ރަށެއްގެ ބިން ހިއްކުމުުގެ މަޝްރޫއުތައް ކާމިޔާބު ކަމާއެކުކޮށް ނިންމައިފައެވެ. އޭގެ ތެރޭގައި ގއ. ވިލިގނލި، ބ. ތުޅާދުއާއި އޭދަފުށީގެ އިތުރުން ދ. މީދޫ، ހއ. ދިއްދޫ އަދި ކުޅުދުއްފުއްޓާއި، ޅ. ހިންނަވަރުގެ ބިންހިއްކުމުގެ މަޝްރޫއު ހިމެނެެއެވެ.

ޅ. ހިންނަވަރު، ހިންނަވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އިން

އެ ކުންފުނިން ފާހަގަ ކުރިގޮތުގައި ބިން ހިއްކުމުގެ މަޝްރޫއުތައް އެ ކުންފުނިން ކުރަނީ އެއްވެސް ލޯނެއް ނުނަގައި ޕާޓްނަރުންނާއި ސްޓޭކްހޯލްޑަރުންގެ އެހީތެރިކަމާއިއެކުގައެވެ.

ފާހަގަ ކުރެވޭގޮތުގައި، ރަސްމާލޭގެ ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ ސީއެމްސީއިންނެވެ. އަދި ގުޅީފަޅަށް ޕޯޓް އާއި ފިއުލްގެ މަސައްކަތް ބަދަލު ކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެންމެ ފުރަތަމަ 2006އާއި 2007 ހިސާބުގައި އޭރުގެ ސަރުކާރުން ވެސް އެ ކުންފުންޏާ މަޝްވަރާކޮށްފައިވެއެވެ. އޭގެ ފަހުން މާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ، ގެދޮރުގެ މަޝްރޫއުތައް ވެސް އެ ސަރަހައްދަށް ގެނައުމަށް ސަރުކާރުތަކުން ސަމާލުކަމެއް ދީ، މިހާރު އެ މަސައްކަތްތައް އެދަނީ ކުރަމުންނެވެ.

އެހެންކަމުން ރާޖުގެ މޭސްތިރިކަމުގައި ސީއެމްސީ ވަނީ ހުރިހާ ސަރުކާރުތަކެއްގައިވެސް، ހިންގި ބޮޑެތި މަޝްރޫއުތަކުގެ ހިއްސާވެ، އިތުބާރާއި އެކު މަސައްކަތް ތައް ފުރިހަމަ ކޮށްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ އިތުބާރާއި ޔަގީންކަން، ދަމަހައްޓައި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ސީއެމްސީ އިން ބުނެއެވެ.

comment ކޮމެންޓް