ޕައިލެޓުން މަދުވުމުގެ ސަބަބުން އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯގެ ފްލައިޓްތައް ކެންސަލް ކުރާތާ އަށް ދުވަސް ވެފައިވާއިރު، މިއަދުވެސް 400 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެންމެ ގިނަ އަދަދެއްގެ ފްލައިޓް ކެންސަލްވެފައި ވަނީ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް (އައިޖީއައި) އިންނެވެ. އެ އެއާޕޯޓުން އިންޑިގޯގެ 152 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.
ޗެންނާއީ އެއާޕޯޓުންވެސް ފުރަން ހަމަޖެހިފައިވާ 18 ފްލައިޓާއި ޖައްސަން ހަމަޖެހިފައިވާ 23 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.
ހައިދަރުއާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް (އާރުޖީއައިއޭ) އިން ފުރަން ހަމަޖެހިފައިވާ 44 ފްލައިޓް އަދި ޖައްސަން ހަމަޖެހިފައިވާ 14 ފްލައިޓްވެސް ވަނީ ކެންސަލްކޮށްފައެވެ.
ްޓްރިވަންޑްރަމް އެއާޕޯޓުން ނިސްބަތުން މަދު ފްލައިޓްތަކެއް ކެންސަލް ކޮށްފައިވާއިރު، ބައެއް ފްލައިޓްތައް ވަނީ ޝެޑިއުލްކޮށްފައިވާ ގޮތަށް އޮޕަރޭޓްކޮށްފައެވެ.
އަހުމަދުއާބާދު އެއާޕޯޓުން ހެނދުނު 8:00 ގެ ނިޔަލަށް 16 ފްލައިޓް ކެންސަލް ކުރިކަން ކަށަވަރުވެފައިވާކަން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިގޯ ފްލައިޓް ކެންސަލްވުމުން އެއާޕޯޓުގައި މަޑުކޮށްގެން ތިބި ބައެއް. ފޮޓޯ/އޭއެފްޕީ
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ މިއަދު ވިދާޅުވީ ފްލައިޓްތަކުގެ އޮޕަރޭޝަންތައް ހަލުއިކަމާއެކު ހަމަޔަކަށް އެޅެމުންދާ ކަމަށާއި އެއާޕޯޓްތަކުގައި ތޮއްޖެހުން އޮތް ކަމަށްވެސް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
އިންޑިގޯއަށް ދިން ރަސްމީ ނޯޓިސްއެއްގައި ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން، (ޑީޖީސީއޭ)އިން ބުނީ ވިންޓާ ޝެޑިއުލްގެ ދަށުން ނޮވެމްބަރު 2025 ގެ ނިޔަލަށް 64،346 ފްލައިޓް ފުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަލް ޑޭޓާއިން ދައްކާ ގޮތުގައި އިންޑިގޯއަށް އޮޕަރޭޓް ކުރެވުނީ އެންމެ 59،438 ފްލައިޓްއެވެ. މި މަހުގެ ތެރޭގައި 951 ފްލައިޓް ކެންސަލް ވެފައިވެއެވެ.
އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.