ކުއްލި ހަމަލާތަކެއްދީ ޕާކިސްތާން ސިފައިންގެ 6 މީހުން މަރާލައިފި

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައިވާ ޗެކްޕޮއިންޓެއް

އިސްލާމްއާބާދު (9 ޑިސެންބަރު 2025) : އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ޕާކިސްތާނުގެ އަސްކަރީ ޗެކު ޕޮއިންޓަކަށް ބަޑިން ހަމަލާދީ ޕާކިސްތާން ސިފައިންގެ ހަ މީހުން މަރާލައިފިއެވެ.

ޕާކިސްތާންގެ އަމަނާބެހޭ ފަރާތްތަކުން ބުނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ހަމަލާގެ ފަހަތުގައިވާ ކަމަށް ބެލެވެނީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޕާކިސްތާން ތާލިބާން ޖަމާއަތް (ތަހްރީކޭ ތާލިބާން) ކަމުގައެވެ. ހަމަލާދިނީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ޕާކިސްތާނުގެ އަވަށެއްކަމަށްވާ ކުރަމްގައި ވާ ޕާކިސްތާނުގެ އަސްކަރީ ޗެކްޕޮއިންޓަކަށެވެ.

ހަމަލާދިން މީހުން ތިބީ ހަތިޔާރު އަޅައިގެން ކަމަށާއި ހަމަލާތައް ދިނީ އަފްޣާނިސްތާނުގެ ތެރެއިން އައި ތަހްރީކޭ ތާލިބާންގެ ހަނގުރާމަވެރިން ތަކެއްކަމަށް ލަފާކުރެވޭކަމަށް ޕާކިސްތާންގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ.

މި ހަމަލާ ދީފައި މި ވަނީ އަފްޣާނިސްތާނުން ޕާކިސްތާނުގެ ތާލިބާން ޖަމާއަތަށް ހިޔާވަހިކަން ދޭކަމަށް ޕާކިސްތާނުން ތުހުމަތުކުރާ ދުވަސްވަރެއްގައެވެ. މި ތުހުމަތުތަކާއެކު ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ގުޅުންތައް ވަރަށްބޮޑަށް ގޯސްވެފައިވާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ.

ޕާކިސްތާނުގެ ވައިގެ ސިފައިން ގެންދަނީ އަފްޣާނިސްތާނުގައި ޕާކިސްތާނު ތާލިބާނުން ހިޔާވަހިކަން ހޯދައިގެން ތިބޭކަމަށް ބުނާ ސަރަހައްދުތަކަށް ފައިޓާޖެޓާއި އަސްކަރީ ހެލިކޮޕްޓަރުތަކުން ހަމަލާތައް ދެމުންނެވެ. އަފްޣާނިސްތާނުން ޕާކިސްތާނުގެ މިއަމަލު ސިފަކުރަނީ އެ ގައުމާ ދެކޮޅަށް ހިންގާ އުދުވާނެއްގެ ގޮތުގައެވެ.

ޕާކިސްތާނު ތާލިބާނުން ނަށް އަފްޣާނިސްތާނުން ހިޔާވހިކަން ނުދޭކަމަށް އަފްޣާން ސަރުކާރުން ތަކުރާރުކޮށް ބުނިނަމަވެސް ޕާކިސްތާނުން މިކަން ގަބޫލެއް ނުކުރެއެވެ. މިމައްސަލާގައި ޕާކިސްތާނާއި އަފްޣާނިސްތާން ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓިފައިވާތީ ދެގައުމު ސުލްހަ ކުރުވުމަށް ގަތަރާއި ތުރުކީ ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އީރާނާއި ސައޫދީންވެސް ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ގޯސްވެފައިވާ މައްސަލާގައި ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ތުރުކީއާއި ގަތަރުގައި ކުރި ސުލްހައިގެ މަޝްވަރާތަކަށްފަހު ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ގާއިމް ކުރިނަމަވެސް މި އެއްބަސްވުމަށް ދެފަރާތުންވެސް އިހުތިރާމް ކުރާތަނެއް ނުފެނެއެވެ. ޕާކިސްތާނުގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ އާންމުން މަރުވާކަމަށް އަފްޣާން ސަރުކާރުން ބުނެއެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތާއި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްކަމަށްވާ ތާލިބާން (ތަހްރީކޭ ތާލިބާން) ޖަމާއަތަކީ ދީނުގެ ނަމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅޭ ދެޖަމާއަތެވެ. ހަރުކަށި ފިކުރުގައި އެއްވިސްނުމެއް ގެންގުޅޭ ދެ ޖަމާއަތެވެ.

އަފްޣާން ސަރުކާރުގެ އެހީތެރިކަން ޕާކިސްތާން ތާލިބާނުންނަށް ނުލިބޭނަމަ އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން އެޖަމާއަތުން ޕާކިސްތާނަށް ހަމަލާ ނުދެވުނީސްކަމަށް ޕާކިސްތާނުން ބުނެއެވެ. ނަމަވެސް މިކަން އަފްޣާނިސްތާނުން ދޮގުކުރެއެވެ.

comment ކޮމެންޓް