އީދަށް ހަމަލާތައް މެދުކަނޑާލަން ޕާކިސްތާނާއި އަފްޣާނިސްތާނުން އެއްބަސްވެއްޖެ

ޕާކިސްތާނާއި އަފްޣާނިސްތާނުން ދެމުންދަ ހަމަލާތައް އީދާ ދިމާކޮށް މެދުކަނޑާލަން ވަނީ ނިންމާފައި. ފޮޓޯ/ރޮއިޓާސް

ފިތުރު އީދާ ދިމާކޮށް ހަމަލާތައް މެދުކަނޑާލަން ޕާކިސްތާނާއި އަފްޣާނިސްތާނުން އެއްބަސްވެއްޖެއެވެ.

އެގޮތުން ރެއިން ފެށިގެން ހަމަލާތައް މެދުކަނޑާލާފައިވާއިރު، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހަމަލާތައް މެދުކަނޑަލާފާ ބާއްވާނެ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައުالله ތަރާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި އެގޮތަށް ނިންމީ ތުރުކީވިލާތާއި ސައުދީ އަރަބިއްޔާ އަދި ގަތަރުން އެގޮތަށް އެދުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕާކިސްތާނުން މިގޮތަށް ހުށަހަޅަނީ ހެޔޮ ނިޔަތުގައި އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް." ބޯޑަރު ހުރަސްކޮށް އެއްވެސް ހަމަލާއެއް ދީފި ނަމަ ވަގުތުން އޮޕަރޭޝަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަފްޣާން ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން އިއުލާން ކުރައްވާފައެވެ.

ހަމަލާތައް މެދުކަނޑާލާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށިގެން ދެ ފަރާތުން ބަދަލުކުރަމުންދިޔަ ހަމަލާތަކުގައި ޕާކިސްތާނުގެ 13 ސިފައިންނާއި އާންމުންގެ ފަސް މީހުން ހިމެނޭހެން ދެ ގައުމުން 107 މީހުން ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުން ބުނާ ގޮތުގައި އެންމެ ފަހުން ހޯމަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުން ނުހިމަނައި އަފްޣާނިސްތާނުގެ 13 ސިފައިންނާއި އާންމުންގެ 76 މީހުން ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގެ އދ އެސިސްޓެންސް މިޝަނުން ބުނާ ގޮތުގައި، ފެބްރުއަރީ 26 އާއި މާޗް 16 އާ ދެމެދު އަފްޣާނިސްތާނުގެ އާންމުންގެ 76 މީހުންމަރުވެ 213 މީހުން ވަނީ ޒަޚަމްވެފައެވެ.

މަޝްރަހު އިތުރަށް ހޫނުވީ ޕާކިސްތާނުން މިދިޔަ ހޯމަ ދުވަހު އަފްޣާނިސްތާނުގެ ހޮސްޕިޓަަލަކަށް ހަމަލާދީ 400 އަށްވުރެ ގިނަ މަރާލާފައިވާ ކަމަށް އަފްޣާނިސްތާނުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

ޕާކިސްތާނުން ބުނީ ހަމަލާ ދިނީ ކާބުލް އާއި އިރުމަތީ ނަންގަހާރު ޕްރޮވިންސްގައި ހުންނަ އަފްޣާން އަސްކަރީ ތަންތަނަށް ކަމަށެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަމުން ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކާއި ގައުމުގެ އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭ، ޕާކިސްތާން ތާލިބާނުން ކަމަށްވާ، ތެހްރީކޭ ތާލިބާނުންނަށާއި ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗް ޖަމާއަތްތަކާއި އެހެނިހެން ޖަމާއަތްތަކަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކުރެއެވެ.

comment ކޮމެންޓް