ތިލާވަތުގެ ސަޖިދައިގެ ބައެއް ޙުކުމްތައް

ތިލާވަތުގެ ސަޖިދައަކީ ޤުރުއާން ކިޔަވާ މީހާ، ނުވަތަ ޤުރުއާން ކިޔެވޭ އަޑުއަހާ މީހާ ސަޖިދަ ވަޅަކާ ދިމާވުމުން ކުރާ ސަޖިދައެކެވެ.

ކީރިތި ޤުރުއާނުގައި 14 ނުވަތަ 15 ސަޖިދަވަޅު އޮވެއެވެ. ހުރިހާ މަޒުހަބެއްގެ މެދުގައި އިއްތިފާޤުވެވޭ 14 ސަޖިދަވަޅެވެ. ހަނަފީ މަދުހަބުގައި ޙައްޖު ސޫރަތުގެ 77ވަނަ އާޔަތް ސަޖިދަވަޅެއް ކަމުގައި ނުބަލައެވެ. އަނެއް ތިން މަޒުހަބު ކަމުގައިވާ ޝާފިޢީންނާއި މާލިކީންނާއި، ހަންބަލީން މި އާޔަތް ހިމަނުއްވާތީ 15 ސަޖިދަވަޅު ހަމަވަނީއެވެ. ތިލާވަތުގެ ސަޖިދަ ކުރަންޖެހޭ އާޔަތްތަކަކީ، الأعراف: 206އާއި الرعد: 15އާއި النحل: 49އާއި الإسراء: 107އާއި مريم: 58އާއި الحج: 18އާއި الحج: 77އާއި الفرقان: 60އާއި النمل: 25އާއި السجدة: 15އާއި ص: 24އާއި فصلت: 37އާއި النجم: 63އާއި الانشقاق: 21 އަދި العلق: 19 އެވެ.

ޤުރުއާން ކިޔަވަމުން ގޮސް މަތީގައި ބަޔާންވެދިޔަ އާޔަތްތަކުން އާޔަތެއް ކިޔަވައިފިއްޔާ ނޫނީ އަޑުއަހައިފިއްޔާ ސަޖިދައެއް ކުރަންވާނެއެވެ. އެ ސަޖިދަ ކުރުމަށް ހަށަންބަނުމެއް ވެސް ސަލާމްދިނުމެއް ވެސް ނުވެއެވެ. ހަމަ އެކަނި އެންމެ ސަޖިދައެކެވެ. އެހެނީ އެ ސަޖިދަ އަކީ ނަމާދެއް ނޫނެވެ. އަދި ނަމާދުގެ ސަޖިދަފަދަ ސަޖިދައެއް ވެސް ނުމެނޫންމެއެވެ. ތިލާވަތުގެ ސަޖިދައިގައި ތަކުބީރު ކިޔުން އޮތީ ހަމައެކަނި ސަޖިދަކުރާ ވަގުތުއެވެ. ހަމައެކަނި ސަޖިދައަށް ދާއިރުއެވެ. އެއީ ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުން އެ ކަން އެ ގޮތަށް ސާބިތުވާން އޮތީމައެވެ. عن ابنُ عمرَ رَضِيَ اللهُ عَنْهُمَا قَالَ: كَانَ رَسُولُ اللِه صَلَّى اللُه عَلَيْهِ وَسَلَّمَ يَقْرَأُ عَلَيْنَا الْقُرْآنَ، فَإِذَا مَرَّ بِالسَّجْدَةِ كَبَّرَ وَسَجَدَ وَسَجَدْنَا) أخرجه أحمد2/17، والبخاري 2/33،34، ومسلم 1/405 برقم (575) މާނައީ: "އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ތިމަންނާމެންނަށް ޤުރުއާން ތިލާވަތުކޮށްދެއްވިއެވެ. ފަހެ، އެކަލޭގެފާނު ސަޖިދައިގެ އާޔަތެއް ތިލާވަތުކުރައްފައިފިއްޔާ ތަކްބީރު ވިދާޅުވެ ސަޖިދަކުރައްވައެވެ. އަދި ތިމަންނާމެން ވެސް ސަޖިދަކުރަމެވެ."

ތިލާވަތުގެ ސަޖިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައި ވެސް ކިޔާ ތަސްބީޙައެވެ. އޭގެ އިތުރަށް ކުރާ ދުޢާ ތަކެއް ވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުން ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ދުޢާއަކީ ”سَجَدَ وَجْهِيَ لِلَّذِيْ خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ“ (رواه الترمذي) މާނައީ: "މިއަޅާގެ މޫނު ޚަލްޤުކުރައްވައި، އެއިލާހުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމުން އިވުމާއި ފެނުން (ވަކިވެފައި ހުރި ކަންތައް ތަކެއް ކަމުގައި) ލެއްވެވި އިލާހަށް މި އަޅާގެ އެ މޫނު ސަޖިދަކޮށްފިއެވެ. ފަހެ އެންމެ ރިވެތި ގޮތުގައި ޚަލްޤުކުރައްވާ ފަރާތް ކަމުގައިވާ ﷲ މަތިވެރިވެވޮޑިގެންފިއެވެ."

ތިލާވަތުގެ ސަޖިދަކުރާއިރު ވުޟޫހުރުމަކީ ލާޒިމު ކަމެއް ނޫނެވެ. ތިލާވަތުގެ ސަޖިދައަށް ޠަހާރަތު ޝަރުޠުވެގެން ނުވެއެވެ. ޙައިޟުވެރިޔާއަށް ވެސް މުޞްޙަފުގައި ބީހުމަކައި ނުލައި ޤުރުއާން ކިޔަވަމުން ދަނިކޮށް ތިލާވަތުގެ ސަޖިދައެއް ކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރެވޭނެއެވެ. އަދި ހަމައެހެންމެ ބުރުގާ ނާޅާ ޤުރުއާން ކިޔަވަން އިން އަންހެނާއަށް ބުރުގާ ނާޅާ ވެސް ތިލާވަތުގެ ސަޖިދަ ކުރެވިދާނެއެވެ. މި ސަޖިދައަކީ ނަމާދުގެ ޙުކުމުގައި އޮތް ސަޖިދައެއް ނޫނެވެ. އެހެންކަމުން ބުރުގާ ނާޅާ ޤުރުއާން ކިޔެވުން ހުއްދަވާ ފަދައިން ބުރުގާ ނާޅާ ތިލާވަތުގެ ސަޖިދަކުރުން ވެސް ހުއްދަވެގެން ވެއެވެ.

ތިލާވަތުގެ ސަޖިދަކުރާއިރު މުޞައްލަ ނުވަތަ ކާޕެޓު ނަޖިހުން ޠާހިރުވެފައި ހުރިއްޔާ، ސަޖިދަކުރާ ވަގުތު އެ ތަނުގައި މުސްޙަފު ބެއްވުމަކީ މައްސަލައެއް ނޫނެވެ. އުސްތަނެއްގައި ބޭއްވެން އޮތިއްޔާ އެ ގޮތް މޮޅުއިތުރެވެ. އެ ކަން ހިމެނެނީ ކީރިތި ޤުރުއާނަށް މާތްކޮށްހިތުމުގެ ތެރެއިންނެވެ.

ތިލާވަތުގެ ސަޖިދަކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ ސުންނަތެކެވެ. ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް މި ސަޖިދަ ދެމިއޮންނަނީ ސުންނަތެއްގެ ގޮތުގައެވެ. ނަމާދުގައި ކިޔަވާއިރު ސަޖިދައިގެ އާޔަތަކަށް ނިމޭގޮތް ވެއްޖެއްޔާ މިސާލަކަށް އަޢުރާފު ސޫރަތުގެ ފަހު އާޔަތް، ނުވަތަ ނަޖުމު ސޫރަތުގެ ފަހު އާޔަތް، ނުވަތަ ޢަލަޤު ސޫރަތުގެ ފަހު އާޔަތް ކިޔަވައިފިއްޔާ ތިލާވަތުގެ ސަޖިދަކުރުމަށްފަހު ޖެހިގެން އޮންނަ ސޫރަތް ނުފަށާ ރުކޫޢަށް ދާންވީއެވެ. ސަޖިދައިން ތެދުވެ ހިނމޭންވެލައިފައި ރުކޫޢަށް ދާނީއެވެ. އެކަމަކު ރުކޫޢަށް ދިޔުމުގެ ކުރިން ކިޔަވަން އެދޭ މީހާ ކިޔެވުމަކުން ވެސް މައްސަލައެއް ނެތެވެ.

ދިލާވަތުގެ ސަޖިދައަކީ މަތިވެރި ސުންނަތެކެވެ. މި ސަޖިދައިގެ މާތްކަމާ ބެހޭގޮތުން ރިވާވެފައި ވެއެވެ. عَنْ أَبِي هُرَيْرَةَ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ: يَا وَيْلَهُ ! – وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي – أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ)) [رواه مسلم (رقم/81)] މާނައީ: އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވައި ސަޖިދަކޮށްފިއްޔާ އޭނާއާ އެކަހެރިވެ ރޮމުން ޝައިޠާނާ ދުރަށްދާނެއެވެ. އަދި ބުނާނެއެވެ. ”ހަލާކުހުއްޓެވެ.“ -އަބޫ ކުރައިބުގެ ރިވާޔަތުގައި ވެއެވެ.) އޭނާ ބުނާނީ ”އަހުރެންނަށް ހަލާކު ހުށްޓެވެ.“- ”އާދަމުގެ ދަރިޔާއަށް ސަޖިދަކުރަން އަމުރުވެވުމުން އޭނާ ސަޖިދަކުރީއެވެ. އޭގެ ސަބަބުން އޭނާއަށް ލިބެނީ ސުވަރުގެއެވެ. އަހުރެންނަށް ސަޖިދަކުރަން އަމުރުވެވުމުން އަހުރެން އެ ކަމާ ދެކޮޅުހެދީމެވެ. އަހުރެންނަށް ހުރީ ނަރަކައެވެ.“"

ތިލާވަތުގެ ސަޖިދާގެ ގޮތުގައި ކުރާނީ އެންމެ ސަޖިދައެކެވެ. އަދި ސަޖިދައިގައި ދުޢާ ވެސް ކުރާނީ އެއް ފަރުއެވެ. މި ސަޖިދައަކީ ވާޖިބުކަމަކަށް ނުވާތީ ސަޖިދަކުރުން އުނދަގޫ ޙާލަތެއް ދިމާވެއްޖެއްޔާ ސަޖިދަނުކޮށް ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ސަޖިދަވަޅެއް އޮންނަ އާޔަތެއް ޙިފްޒުކުރާ މީހާ، ކޮންމެ ފަހަރަކު ޖަސިދަ ނުކުރިކަމުގައި ވިޔަސް ފުދޭނެއެވެ. އެންމެ ފުރަތަމަ ފަހަރު ސަޖިދަކުރުމުން ނުވަތަ އެއް ފަހަރު ސަޖިދަކުރުމުން ފުދޭނެއެވެ.

comment ކޮމެންޓް