އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ޕަސިންޖަރުންނަށް ރީފަންޑު ނުވަތަ ޓިކެޓްގެ އަގުގެ ގޮތުގައި މިހާތަނަށް 610 ކްރޯޑް ރުޕީސް ދީފައިވާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ރީފަންޑުގެ އިތުރުން ގެއްލިފައިވާ ހުރިހާ ލަގެޖެއް 48 ގަޑިއިރުގެ ތެރޭގައި ހޯދައި ފަސެންޖަރުންނަށް ދިނުމަށް އިއްޔެ އަންގާފައިވާއިރު، މިހާތަނަށް 3،000 އަށް ވުރެ ގިނަ ލަގެޖުވެސް ވަނީ ހަވާލުކޮށްފައެވެ.
މިދިޔަ ދުވަސްތަކުގައި އެތައް ހާސް ދަތުރުވެރިންނަށް ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިވި މި މައްސަލަ ހައްލުކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
އޮޕަރޭޝަންތައް ހަމައަކަށް އަޅުވައި އަވަސް ކުރުމަށްޓަކައި އިންޑިގޯ އިން ވަނީ ސީއީއޯ އާއި ބޯޑު މެމްބަރުން ހިމެނޭ ކްރައިސިސް މެނޭޖްމަންޓް ގްރޫޕެއް އުފެއްދުމަށްވެސް ނިންމާފައެވެ.
އޭގެ މަގުސަދަކީ ނިންމުންތައް ނިންމުމުގައި ކަންކަން ފަސޭހަކޮށް، އެއާލައިން އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު ހާލަތު ރަނގަޅަށް މޮނިޓާ ކުރެވޭނެ ގޮތް ހެދުމެވެ.

އިންޑިގޯ އަކީ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓް ހިއްސާކުރާ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން. ފޮޓޯ/އޭޕީ
އިންޑިގޯގެ ސީއީއޯ ޕިޓާ އެލްބާސް ކަށަވަރުކޮށްދެއްވި ގޮތުގައި ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، މިހާރު އެ އެއާލައިނުން 1،650 ފްލައިޓް ވަނީ ދަތުރުތައް ފަށާފައެވެ. އޭނާ ވަނީ އޮން ޓައިމް ޕާފޯމަންސް (އޯޓީޕީ) %75 އަށް އަރާފާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި 138 އެއާޕޯޓުގެ ތެރެއިން 137 އެއާޕޯޓެއްގައި ހިދުމަތް ދެމުން އަންނަ ކަމަށާއި އެއީ އޮޕަރޭޝަނަލް ނެޓްވޯކް މަޑުމަޑުން ރަނގަޅުވުމުގެ އިޝާރާތެއް ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
އަދި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ބުކިންތައް ކެންސަލްކުރުމަށާއި އަލުން ބުކް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ބުނެފައެވެ.
ޓިކެޓްގެ އަގު ކޮންޓްރޯލުކޮށް ކެންސަލްކުރި ނުވަތަ ލަސްވި ފްލައިޓްތަކުގެ ރީފަންޑު ރޭ 8:00 ގެ ކުރިން ދިނުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއްޔެ ވަނީ އިންޑިގޯއަށް އަންގާފައެވެ.
އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނު އިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.
އެ މައްސަލައަށް ހަފްތާއެއްވީއިރު، އިންޑިގޯއިން ވަނީ ވަރަށް ދެ ހާހަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ.