ދީޕިކާގެ ބްރޭންޑަށް ބޮޑު ގެއްލުމެއްވިއިރު، ކެޓްރީނާގެ ބްރޭންޑަށް 42 މިލިއަން ޑޮލަރުގެ ފައިދާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ އަމިއްލަ ސްކިންކެއާ ބްރޭންޑް"82°E" (82 އީސްޓް)ގެ އާމްދަނީ ދަށަށް ގޮސް މި އަހަރު އެ ބްރޭންޑަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ދީޕިކާގެ ސްކިންކެއާ ބްރޭންޑަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ކޯޕަރޭޓް އެފެއާޒް (އެމްސީއޭ)އަށް ހުށަހެޅި ފަހުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން އެ ކުންފުންޏަށް މި އަހަރު ލިބޭ ގެއްލުމުގެ ޖުމްލަ އަދަދު 12.26 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ. ހަމައެއާއެކު އެ ބްރޭންޑުގެ ވިޔަފާރި މިދިޔަ އަހަރާ އަޅާ ބަލާއިރު 30 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ ދީޕިކާގެ ސްކިންކެއާ ބްރޭންޑަށް ވިޔަފާރީގެ ގޮތުން ބޮޑު ގެއްލުމެއް ވެފައި މި ވަނީ އެ ބްރޭންޑް ހިންގާ ކުންފުނިން ޚަރަދު ކުޑަކުރުމުގެ ގޮތުން ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައި ވަނިކޮށެވެ.

ބަތަލާ ކެޓްރީނާ ކައިފް 'ކޭ ބިއުޓީ'ގެ އިޝްތިހާރެއްގައި--ފޮޓޯ/ފިލްމުފެއަ

މި އަހަރު ނިމެން ކައިރިވެފައިވާއިރު "82°E" (82 އީސްޓް)ގެ ވިޔަފާރި ދަށްވިއިރު މި ބްރޭންޑް 2022 ވަނަ އަހަރު ލޯންޗުކުރީއްސުރެ މާ ބޮޑު ފައިދާއެއް އެ ކުންފުންޏަށް ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ބްރޭންޑަށް އެހާ ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބައެއް ބިއުޓީ އުފެއްދުންތަކުގެ އަގު އަތްނުފޯރަ ހިސާބަށް ކަނޑައަޅާފައިވާތީ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާގެ ސްކިންކެއާ ބްރޭންޑުގެ ވިޔަފާރީ އާދަޔާ ޚިލާފަށް ދަށްވިއިރު އެންމެ މަޝްހޫރު އެއް ބިއުޓީ ބްރޭންޑް ހިންގަމުން އަންނަ ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފްގެ "ކޭ ބިއުޓީ"އަށް މި އަހަރު އެކަނި ވެސް 350 ކްރޯޑު ރުޕީސް (42.2 މިލިއަން ޑޮލަރު)ގެ ފައިދާ ވަނީ ވެފައެވެ.

މަޝްހޫރު ނައިކާގެ 42 އިންސައްތަ ޝެއާ ހޯލްޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކެޓްރީނާގެ "ކޭ ބިއުޓީ" އަކީ 2019 ވަނަ އަހަރު އެ ބްރޭންޑު ލޯންޗު ކުރީއްސުރެ އަހަރެއްގެ މައްޗަށް ލިބޭ ފައިދާ އިތުރުވަމުން އަންނަ ބްރޭންޑެކެވެ.

comment ކޮމެންޓް