މިދިޔަ މަހުގެ 28ގައި ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑް ބަތަލާ ކްރިތީ ސެނޮންގެ ފިލްމު "ތޭރެ އިޝްޤް މޭ" ރިލީޒްކުރިތާ ހަފުތާއެއް ފަހުން ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމަށް 100 ކްރޯޑު ރުޕީސްގެ ވިޔަފާރިއެއް ލިބިފައިވަނީ ބޭރުގެ މާކެޓްތަކުން ވެސް ލިބުނު އާމްދަނީއާ އެކުއެވެ. ޖުމުލަ 95 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަކީ ޓީ-ސީރީސް ފިލްމްސްއާއި ކަލާ ޔެލޯ ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.
ކާމިޔާބު ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރަށް ޖަޒުބާތީ ފިލްމެކެވެ.

ފިލްމު "ތޭރެ އިޝްޤް މޭ"ގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ
ކްރިތީއާ އެކު "ތޭރެ އިޝްޤް މޭ"ގެ ލީޑް އެކްޓަރުގެ ގޮތުގައި ފެންނާނީ ސައުތު އެކްޓަރު ދަނުޝްއެވެ. ދަނުޝްގެ ފުރަތަމަ ބޮލީވުޑް ފިލްމު "ރާންޖްނާ"އަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު އެ ފިލްމަށްވުރެ މާ ބޮޑު އާމްދަނީއެއް "ތޭރެ އިޝްޤް މޭ"އިން ހޯދާނެ ކަމަށް ފަހުގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމު "ރާންޖްނާ"އަކީ ވެސް ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އުފެއްދުމެކެވެ. މީގެ އިތުރުން، 2021ގައި ދަނުޝް މުހިއްމު ރޯލް ކުޅުނު ފިލްމު "އަތުރަންގީ ރޭ"އަކީ ވެސް އާނަންދުގެ ފިލްމެކެވެ.
ކްރިތީއާއި ދަނުޝް ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރި ފިލްމު "ތޭރެ އިޝްޤް މޭ"އަށް ޑައިރެކްޓަރު އަދިތިޔަ ދަރުގެ އެކްޝަން ތުރިލާ "ދުރަންދާރު"ގެ ހިޔަނި އެޅޭނެ ކަމަށް ބެލެވެނު ނަމަވެސް ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު" ރިލިޒްކުރިތާ ހަތަރު ދުވަސްވީއިރު ފިލްމަށް ވަނީ 93.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.