އިންޑިއާގެ ބަޖެޓް ކެރިއާ އިންޑިގޯގެ މުވައްޒަފުން މަދުވެ، ފްލައިޓްތައް ކެންސަލްކުރަމުން އަންނައިރު، ދަތުރުނުކުރެވުމުގެ ސަބަބުން އަލަށް ކައިވެނިކުރި ދެމަފިރިންގެ ކައިވެނީގެ ރިސެޕްޝަން އޮންލައިންކޮށް ބާއްވައިފިއެވެ.
ބެންގަލޫރުގައި މަސައްކަތްކުރާ ސޮފްޓްވެއާ އިންޖިނިއަރުން ކަމަށްވާ ކްޝީރްސާގަރާއި ސަންގްރާމް ދާސްގެ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައި އޮތީ ކަރްނާޓަކާ ސްޓޭޓްގެ ހުއްބަލީގެ ގުޖުރާތު ބާވާންގައެވެ.
ނޮވެމްބަރު 23 ވަނަ ދުވަހު ބުބަނޭޝްވާރުގައި މި ދެމަފިރިން ކައިވެނި ކުރިއިރު، ބުދަ ދުވަހު އަންހެނުންގެ އުފަން ރަށުގައި ރަސްމީ ރިސެޕްޝަނެއް ވެސް ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ ދެވަނަ ދުވަހު ބުބަނޭސްވާރުން ބެންގަލޫރަށް އަދި އެއަށްފަހު ހުއްބަލީއަށް ދިއުމަށް ޓިކެޓް ބުކް ކުރި ނަމަވެސް އެ ދުވަހުގެ ހެނދުނުން ފެށިގެން ދެމަފިރިން ތިބީ އެއާޕޯޓުގައި ތާށިވެފައެވެ. އެންމެ ފަހުން އޭގެ އަނެއް ދުވަހު ފްލައިޓް ކެންސަލްވީއެވެ.
ބުބަނޭޝްވާ-މުމްބާއީ-ހުއްބާލީ މެދުވެރިކޮށް ދަތުރުކުރި ބައެއް ގާތްތިމާގެ މީހުންގެ ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތައްވެސް ކެންސަލްވީއެވެ.
މެހެމާނުން އެއްވެ ހުރިހާ ތައްޔާރީތަކެއް ކުރެވިފައި އޮތުމުން، އަންހެންމީހާގެ މަންމަ ނިންމީ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދިއުމަށެވެ.
އެންމެ ފަހުން ދެމަފިރިން ހެދުން އަޅައި ޒީނަތްތެރިވެގެން ހަފުލާގައި ބައިވެރިވާން ޖެހުނީ ވިޑިއޯ މެދުވެރިކޮށް އޮންލައިންކޮށެވެ.
މިދިޔަ ހަފުތާއިން ފެށިގެން އިންޑިގޯގެ ފްލައިޓްތައް އަންނަނީ ކެންސަލް ކުރަމުންނެވެ. އެއީ، ނޮވެމްބަރު މަހު އިސްލާހުކޮށްފައިވާ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަން (އެފްޑީޓީއެލް)، ނޯމްސް ނުވަތް ޕައިލެޓުންނަށް އެންމެ ގިނައިރު ޑިއުޓީ އަދާކުރެވޭނެ ވަގުތާއި އަރާމުކުރަން ޖެހޭ ވަގުތު ކަނޑައެޅުމުގެ އާ އުސޫލެއް ތައާރަފްކުރުމުންނެވެ. އެ އުސޫލުގައި ވަނީ، ޕައިލެޓުންނާއި ކުރޫއަށް އަރާމު ކުރަން ވަގުތު ލިބޭކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅައިފައެވެ.
އެ އުސޫލަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް އިންޑިގޯއިން އޮތީ ބަދަލަށް ތައްޔާރުނުވެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ސަބަބުން، ޕައިލެޓުންނާއި ކުރޫއަށް ލުއިދީފައިވާ ޝެޑިއުލް ހެދުމާއެކު، މަސައްކަތް ކުރަން އެކަށީގެންވާ ވަރަށް މީހުން ނެތި، ފްލައިޓްތައް ކެންސަލް ކުރަން ޖެހުނެވެ.
އިންޑިގޯއިން އެ އުސޫލަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 1000 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.