މަދޫރީ މިފަހަރު މިވީ ''ސީރިއަލް ކިލާ''އަކަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް, މީހުން މަރާ މީހެއް ނުވަތަ ސީރިއަލް ކިލާއެއްގެ ރޯލް ކުޅެފައިވާ ވެބް ސީރީސް "މިސިޒް ދޭޝްޕާންޑޭ"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

އުމުރުން 58 އަހަރުގެ ބަތަލާގެ ދިގު ފިލްމީ ކެރިއަރުގައި މިއީ ބަތަލާ ކުޅޭ މިކަހަލަ ފުރަތަމަ ރޯލެވެ. އެހެންވެ މި ވެބް ސީރީސްގެ މަސައްކަތްކުރީ ވަރަށް ޝައުގުވެރިކަމާ އެކު ކަމަށާއި މިހާރު ބޭނުންވަނީ ކުރިން ކުޅެފައިނުވާ ކަހަލަ ތަފާތު ކެރެކްޓާތައް ކުޅެން ކަމަށް މަދޫރީ ވަނީ ބުނެފައެވެ.

ޖިއޯ ހޮޓްސްޓާގައި ޕްރީމިއާކުރާ "މިސިޒް ދޭޝްޕާންޑޭ" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19ގައެވެ. މި ވެބް ސީރީސް އަކީ "ބޮލީވުޑް ކޯލިން" އާއި "ދޯރް" ފަދަ ފިލްމުތައް ގެނެސްދިން ނާގޭޝް ކުކްނޫރު ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ސީރީސްއެކެވެ.

ވެބް ސީރީސް "މިސިޒް ދޭޝްޕާންޑޭ"ގެ ޕްރޮމޯ--ފޮޓޯ/ފިލްމުފެއަ

މި ވެބް ސީރީސް އަކީ 2017 ވަނަ އަހަރު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފްރާންސްގެ މަގުބޫލު ޑްރާމާ ސީރީސް "ލަ މެންޓޭ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ސީރީސްއެކެވެ.

މަދޫރީގެ އިތުރުން "މިސިޒް ދޭޝްޕާންޑޭ"އިން މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ސިދާތު ޗަންދޭކަރާއި ޕްރިޔަންޝޫ ޗެޓަޖީ ހިމެނެއެވެ.

ޒަވާޖީ ހަޔާތަށްފަހު ފިލްމީ ދާއިރާއާ ދުރުގައި ވަރަށް ގިނަ ދުވަހު އުޅުނު ބަތަލާ އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅިފައި ވަނީ 2007 ވަނަ އަހަރެވެ.

މަދޫރީ އަހަރެއްގެ މައްޗަށް މަސައްކަތްކުރާ ފިލްމީ ޕްރޮޖެކްޓްތައް މަދުވެފައިވާއިރު ބަތަލާ ވަނީ 2022ގައި ކެރިއަރުގެ އަލަތު ވެބް ސީރީސް ވެސް ބެލުންތެރިންނަށް ގެނެސްދީފައެވެ.

އެއީ ދަރުމާ ޕްރޮޑަކްޝަންސް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން "ދަ ފޭމް ގޭމް"އެވެ. މަދޫރީގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، ރިލީޒްކުރާ ތާރީޚު އިއުލާނު ނުކުރާ ފިލްމު "މާ ބެހެން" ހިމެނެއެވެ.

comment ކޮމެންޓް