އެމެރިކާގެ އެންމެ ބޮޑު އެއް މީޑިއާ ކުންފުނި ނެޓްފްލިކްސްއިން، ދުނިޔޭގެ އެންޓަޓެއިންމަންޓް ދާއިރާގެ ބާރުގަދަ ނަމެއް ކަމަށްވާ ވޯނާ ބްރޯސް, 72 ބިލިއަން އެމެރިކާ ޑޮލަރަށް ގަތުމަށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަކީ ކޭޝް އަދި ސްޓޮކް ހިއްސާކޮށްގެން ކުރެވޭ މުއާމަލާތެކެވެ.
ސްޓްރީމިން ދާއިރާގައި ނެޓްފްލިކްސްގެ މަގާމު ވަރުގަދަ ކުރުމަށް ޓަކައި އެއްބަސްވި މި ޑީލަކީ ދުނިޔޭގެ މީޑިއާ އިންޑަސްޓްރީގައި ދެކެވުނު އެންމެ ބޮޑު އެއް ވާހަކައެވެ.
މި ޑީލުގެ ދަށުން ނެޓްފްލިކްސްއިން ވޯނާ ބްރޯސް ޑިސްކަވަރީ (ޑަބްލިއު.ބީ.ޑީ) ގެ ހިއްސާދާރުންނަށް، އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް ނެޓްފްލިކްސްގެ 1.8 ހިއްސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 72 ބިލިއަން ޑޮލަރުގެ މި ޑީލަކީ މީޑިއާ އިންޑަސްޓްރީގައި މިހާތަނަށް ހެދުނު އެންމެ ބޮޑެތި ޑީލުތަކުގެ ތެރޭގައި ހިމެނޭ އެއް ޑީލެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ޑީލު ނެޓްފްލިކްސްއިން ހަދަން ނިންމީ ސްޓްރީމިން ދާއިރާގައި ކުރިމަތިވެފައިވާ ބޮޑެތި ވާދަވެރިކަމުން އަރައިގަތުމަށް ކަމަށް ވެއެވެ.
ޑިޒްނީ+، އެޗްބީއޯ މެކްސް އަދި އެމަޒޯން ޕްރައިމް ވީޑިއޯ ފަދަ ޕްލެޓްފޯމްތަކުގެ ވާދަވެރިކަން ބޮޑުވަމުންދާ މި ދުވަސްވަރު، ވޯނާ ބްރޯސްގެ ކޮންޓެންޓް ލައިބްރަރީއަކީ ނެޓްފްލިކްސްއަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ. މީގެ ތެރޭގައި ޑީސީ ކޮމިކްސް، ހެރީ ޕޮޓާ، އެޗްބީއޯ ސިލްސިލާތަކާއި ކާޓޫން ނެޓްވޯކްގެ ކޮންޓެންޓްތައް ހިމެނެއެވެ.
މި ޑީލުގެ ސަބަބުން ނެޓްފްލިކްސްއަށް މާކެޓުގައި އިތުރު ބާރެއް ލިބި، ސްޓްރީމިން ދާއިރާގެ އެންމެ ބޮޑު ކުންފުންޏަށް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިފަދަ ބޮޑެތި އެއްބަސްވުންތަކަށް ސަރުކާރުގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް ބަލަމުންނެވެ. ވިޔަފާރީގެ ވާދަވެރިކަން ކުޑަވިޔަ ނުދިނުމަށް ޓަކައި ގިނަ ގައުމުތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން މި ޑީލު ދިރާސާ ކުރާނެ ކަމަށް ވެސް ވަނީ ލަފާކުރެވިފައެވެ.
ދެ ކުންފުނި އެއްކޮށްލުމުގައި ހުރި ގޮންޖެހުންތަކާއި މުސްތަގުބަލުގައި އަންނާނެ ބަދަލުތަކަކީ މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވާ ކަންތައްތަކެވެ.
މި ޑީލުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގެ ތަފާތު ބައިތައް ގުޅިގެންދާނެ ކަމަށް މާހިރުން ދެކެއެވެ. އެގޮތުން ފިލްމު، ޓީވީ ޝޯ، ކާޓޫން، އަދި ޑޮކިއުމެންޓްރީ ފަދަ ތަފާތު ކޮންޓެންޓްތައް އެއް ޕްލެޓްފޯމަކުން ލިބިގެންދިއުމަކީ އާއްމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ނަމަވެސް، މުސްތަގުބަލުގައި ކޮންޓެންޓްގެ އަގުތަކަށް އަންނާނެ ބަދަލުތަކާމެދު ބައެއް ފަރާތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.