ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން ރިޔާސީ ސެކްރެޓޭރިއަޓްގެ ދަށުން ގާނޫނީ ނިޒާމެއްގެ ގޮތުގައި އުފައްދާފައިވާ 'ރިބިލްޑިންގް ސްރީ ލަންކާ' ނުވަތަ 'ލަންކާ އަލުން ބިނާކުރުން'ގެ ފަންޑަށް މިހާތަނަށް 2.26 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ސެކްރެޓަރީ ހަރްޝާނާ ސުރިޔާއްޕެރޫމާ ވިދާޅުވެއްޖެއެވެ.
ހަރްޝާނާއާ ހަވާލާދީ ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޭންކް އޮފް ސިލޯންގެ އެކައުންޓް މެދުވެރިކޮށް 1.98 މިލިއަން ޑޮލަރު ލިބިފައިވާއިރު، ސެންޓަރަލް ބޭންކު މެދުވެރިކޮށް 197،500 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދަކަށް ލިބިފައިވާ ކަމަށެވެ. އަދި, މިހާތަނަށް 33 ގައުމަކުން އެހީ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލަންކާއަށް މި މަހުގެ 27 ވަނަ ދުވަހު އެރި ބާރުގަދަ ތޫފާން 'ދީތުވާ' ގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރާފައެވެ.

ލަންކާގެ ގެއްލުން ލިބިފައިވާ ސަރަހައްދެއް. ފޮޓޯ/އޭޕީ
ފެންބޮޑުވެ، ތަންތަން ހަލާކުވެ، އިގުތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ލަންކާއިން ވަނީ ބުނެފައެވެ. ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު އިއްޔެ އިރުއޮއްސުމާ ހަމައަށް ވަނީ 481 އަށް އުފުލިފައިވާ ކަމަށް ލަންކާ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން ހާމަކުރެއެވެ.
އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، 345 މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. ބޮޑަށް އަސަރުކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި މީހުން ހޯދުމާއި، ސަލާމަތްކުރުމާއި، ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށްވެސް ޑީއެމްސީން ބުނެއެވެ.