އޮސްޓްރޭލިޔާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި

އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ދަނީ ވިސްނަމުން -- ފޮޓޯ: ބީބީސީ

އޮސްޓްރޭލިޔާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފިއެވެ.

މި ހިނގާ ޑިސެންބަރު މަހުގެ 10ގައި ޤާނޫނަށް އަމަލު ކުރަން ފަށާއިރު، އެހެން ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފަދަ ޤާނޫނެއް ތަންފީޒު ކުރާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ ހިމެނޭއިރު، އެ ޤައުމުގެ އޮފިޝަލުން ވިދާޅުވަނީ ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކަށް މިކަމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެ، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އޮސްޓްރޭލިޔާގެ އީސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމެން ގްރާންޓް ވިދާޅުވީ، މި ޤާނޫނު ތަންފީޒު ކުރުމުން އިންސްޓަގްރާމް، ފޭސްބުކް އަދި ތުރެޑްސް ހިންގާ މެޓާ، ޓިކްޓޮކް، ސްނެޕްޗެޓް، އަދި ގޫގްލްގެ މަންސަތައް ހިންގާ އަލްފަބެޓް ފަދަ ބޮޑެތި ކުންފުނިތަކަށް ސީދާ އަސަރު ކުރާނެ ކަމުގައެވެ. ކުޑަކުދިންގެ އުމުރު ކަށަވަރު ކުރާނެ ގޮތެއް ހޯދުމަކީ މި ކުންފުނިތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/214536

ފުރަތަމަ ކުންފުނިތަކުން މި ޤާނޫނަށް ފާޅުގައި ދެކޮޅު ހެދި ނަމަވެސް، ޤާނޫނު ތަންފީޒު ކުރަން ފެށުމުގެ ސުންގަނޑި ކައިރިވަމުން އަންނައިރު، އެ ކުންފުނިތަކުން ވަނީ 16 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް 'ޑީއެކްޓިވޭޓް' ނުވަތަ ބަންދު ކުރަން ފަށާފައެވެ. މިގޮތުން، މެޓާގެ އިންސްޓަގްރާމް، ފޭސްބުކް އަދި ތުރެޑްސްގައި ހިމެނޭ އެކައުންޓްތައް ވަނީ މި ފިޔަވަޅުތަކުގެ ދަށަށް ގެނެސްފައެވެ.

ކޮމިޝަނަރު ގްރާންޓް ދެކެވަޑައިގަންނަވާ ގޮތުގައި، މި ފަދަ ކުންފުނިތަކުގެ އާމްދަނީއަށް އެންމެ ބޮޑަށް ގޮންޖެހުމެއް އަންނަނީ ސޯޝަލްމީޑިއާ ބޭނުން ކުރާ މީހުންގެ ޒާތީ މަޢުލޫމާތުތަކުންނެވެ.

އޮސްޓްރޭލިޔާގެ 27 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން، 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 96 އިންސައްތަ ކުދިންނަކީ ސޯޝަލް މީޑިއާ ބޭނުން ކުރާ ކުދިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ގާތްގަނޑަކަށް އެއް މިލިޔަނަށް ވުރެ ގިނަ ކުދިންނެވެ.

އޮސްޓްރޭލިޔާގެ މި ޤާނޫނު ތަންފީޒު ކުރަން ފެށުމުން ކަން ހިނގާނެ ގޮތް ބެލުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ މި ފަދަ ފިޔަވަޅުތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ. އެ ޤައުމުގެ މުއާޞަލާތާ ބެހޭ ވަޒީރު ފަހްމީ ފަޒީލް ވިދާޅުވީ، 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުން ކުރުން މަނާކޮށް، 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެ ފަދަ މަންސަތައް ބޭނުން ކުރުމުގެ ފުރުޞަތު ހަނިކުރުމަށް ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް