ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން މިވަގުތަށް ހުއްޓާލައިފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް، ޓްރާންސްޕޯޓް މިނިސްްޓްރީން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މި ފިޔަވަޅު އަަޅަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ މި ވަގުތަށް މިގޮތަށް ސަރުކާރުން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެެރެކުރާ އުޅަނދުތައް ގިނައިރު، މިހާރު ވެސް މާލެ އޮތީ ކެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރަށް ވެހިކަލުން ފުރި ބާރުވެފައެވެ.
އެ ކަން ހައްލުކުރުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ "މާލެ ފަހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ވެސް ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން މާލޭގައި ބައުވެ، ބޭނުން ނުކުރާ އުޅަނދުތައް ދެނެގަނެ، ނައްތާލުމުގެ މަސައްކަތް، ސަރުކާރުން ފެށިއެވެ.
އަދި މިދިޔަ ޖުލައި މަހުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ވުޒާރާގެ ހުއްދަ ނަގައިގެން ނޫނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެނުކުރެވޭ ގޮތަށް ހަދާފައެވެ.
މީގެ އިތުރުން ވެސް، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު، ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި އެތެރެ ނުކުރެވޭގޮތަށް އެއްގަމު އުޅަނދު ރަޖީސްޓްރީކުރުމުގެ ޤަވާއިދު އިސްލާހުކޮށްފައެވެ.
އަދި މި ޤަވާއިދުގައިވާ ގޮތުން މި ހުއްދައަށް އެދޭއިރު، ރާއްޖެއަށް އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަން ނުވަތަ ގަރާޖުގެ ހުއްދައިގެ ކޮޕީއާ މިކަމާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ހުށައަޅަންޖެހޭނެއެވެ.