ހިޔާ ޓަވަރެއްގައި ހަށިވިއްކި އުޒްބަކިސްތާން ބަޔަކު ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ނެޓްވޯކުގައި ހިމެނޭ އުޒްބަކިސްތާން މީހުންނާއި ދިވެހި މީހާ --

ހިޔާ ޓަވަރެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އުޒްބަކިސްތާނު އަންހެނުންތަކަކާއި، ދިވެހި ފިރިހެނެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، އެ ފައިސާ ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގި ކަމަށެެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ރ. ރަސްގެތީމު، ކިއުބާ، އުމުރުން 40 އަަހަރުގެ ޙުސައިން ސޮލާހާއި އުޒްބަކިސްތާނުގެ ހަތަރު އަންހެނުންނެވެ. އެ ހަތަރު އަންހެނުންނަކީ:

  • ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ)
  • ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ)
  • ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ)
  • އުމިޑަބޮނޫ ނެމަޓޯވާ (34އ)

ފުލުހުން ބުނީ މި 5 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ޖަހައިފައިވާކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް