ހިފާފައިވާ ގުދްސު (15 ނޮވެންބަރު 2025) : އެހެން ގައުމުތަކާ ޚިލާފަށް އިސްރާއީލަކީ ބައެއްގެ ބިމެއްގައި އެމީހުންގެ ނުރުހުމުގައި ގަދަބާރުން އުފައްދާފައިވާ ގައުމަކަށްވާތީ އިސްރާއީލަކީ މާ ދިގުމުއްދަތަކަށް ނުގޮސް ނެތިދާނެ ގައުމެއްކަމަށް ވިސްނައި އިސްރާއީލަށް ޚާއްސަ ސިއްރު އާކައިވް އެއް އެމެރިކާގެ ހާވަޑް ޔުނިވާސިޓީގައި އުފައްދާފައިވާކަން އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" އިން ހާމަކޮށްފިއެވެ.
"ހާއާރެޓްސް" ގައި ވަކި ސަޕްލިމެންޓެއްގެ ގޮތުގައި އިސްރާއީލުގެ މުސްތަގްބަލާ ބެހޭގޮތުން ޝާއިއުކޮށްފައިވާ ޚާއްސަ ރިޕޯޓެއް ބުނާގޮތުން މި އާކައިވް ހާވަޑް ޔުނިވާސިޓީގައި ގާއިމްކޮށްފައިވަނީ "ދަ މެމޮރީ އޮފް އިޒްރޭލް" ގެ ނަމުގައެވެ.
ދުނިޔޭގެ އެހެން އެއްވެސް ގައުމެއް ނެތިދާނެ ކަަމަށް ބަލައިގެން އެގައުމަކަށް ޚާއްސަކޮށްގެން މިފަދަ އާކައިވް އެއް ހަދާފައިނުވާއިރު ނެތިދާނެ ގައުމަކީ ހަމައެކަނި އިސްރާއިލް ކަމަށް ބަލައި އިސްރާއީލަށް ޚާއްސަކޮށްގެން "ސިއްރު އާކައިވް" އެއް އުފައްދާފައިވަނީ އިސްރާއީލަކީ ރޫޅި ނެތިދިޔުމުގެ ފުރުސަތު ބޮޑު ގައުމަކަށްވާތީ ކަމަށް ވެއެވެ.
މިހާލަތު ދުނިޔޭގެ އެހެން ގައުމަކަށް ނެތްކަމަށް މި އާކައިވް އުފެއްދުމަށް ޓަކައި އެކުލަވާލާފައިވާ ކޮންސެޕްޓް ޑޮކިއުމެންޓްތަކުގައި ފާހަގަ ކޮށްފައިވާކަމަށް "ހާއާރެޓްސް" ބުނެފައިވެއެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް އިސްރާއީލު އުފައްދާފައިވަނީ ބައެއްގެ ބިމުގައި އެމީހުން ގަދަބާރުން ބޭރުކުރުމަށްފަހު ހުޅަނގުގެ ޖިއޮޕޮލިޓިކަލް މަގްސަދުތަކެއް ހާސިލް ކުރުމަށާއި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތުން ހުޅަނގުގެ ގައުމުތަކަށް ކުރި ޕްރެޝަރުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ޣައިރު ގާނޫނީ ދައުލަތް އުފެއްދުމުގެ ހުއްޖަތެއްގެ ގޮތުގައި ދައްކާފައިވަނީ ދެކަމެކެވެ. އެއްކަމަކީ ފަލަސްތީނުގެ ބިމުގައިވާ ޔަހޫދީންގެ ދީނީ "މިތްސް ނުވަތަ އަސާތީރު" ތަކެކެވެ. ދެން ޔޫރަޕްގެ ޔަހޫދީންނަކީ ޔޫރަޕްގެ ދޮންމީހުންގެ އަތްދަށުންނާއި ފަހުން ނާޒީ ޖަރުމަނުގެ ދުވަސްވަރު ހިޓްލަރުގެ ވެރިކަމުގައި ޔަހޫދީންނަށް ދިން ކަމަށް ބުނާ އަނިޔާތަކެވެ. އިސްރާއީލު އުފެއްދުމަށް ޓަކައި ޔޫރަޕުން ފަލަސްތީނުގެ ބިމަށް ހިޖުރަކުރި މީހުންނަކީ ފަލަސްތީނުގެ ބިމާ އެއްވެސް ގޮތަކަށް ގުޅުންހުރި ބައެއްކަން ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

ހާވަޑް ގައި ގާއިމްކޮށްގައިވާ އިސްރާއީލުގެ މެމޮރީ އާކައިވް
އެމީހުންނަކީ އެންމެ ކުރީ ޒަމާނު ފަލަސްތީނުގައި އުޅުނު ޔަހޫދީންގެ ދަރިފަސްކޮޅަށް ނިސްބަތްވާ ބައެއްކަމާއި އެ މީހުންނަކީ ފަލަސްތީނު ދޫކޮށް ޔޫރަޕަށް ގޮސްފައިވާ މީހުންކަން ވެސް ސާފުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން މިއިން އެއްވެސް ޖަސްޓިފިކޭޝަން އަކީ ޔޫރަޕުން ހިޖުރަކުރި ބަޔަކަށް، ފަލަސްތީނުގެ ބިމުން ފަލަސްތީނު މީހުން ބޭރުކޮށް އެ ބިން ފޭރިގެންފައި ދައުލަތެއް އުފައްދައި ދޭންޖެހޭނެ ކަަމަށް ބައިނަލްއަގްވާމީ ގާނޫނު ގަބޫލުކުރާ ސަބަބެެއް ނޫނެވެ.
އިސްރާއީލު ނެތި ދިޔުމުގެ މައްސަލަ ކުރިމަތިވާނެކަމަށް ބެލެވިފައިވަނީ އިސްރާއީލު އުފައްދައިދިން ހުޅަނގުގެ ބާރުތައް (އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް) ދުނިޔޭގެ އެންމެ ބޮޑެތި ބާރުވެރިންގެ ގޮތުގައި ތާއަބަދު ނޯންނާނެކަން ޔަގީންވާތީއެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ގޮތުގައި ނެތް ހާލަތެއް ކުރިމަތިވެއްޖެނަމަ އިސްރާއީލު ނެތިދާނެކަމުގެ ކަންބޮޑުވުން އިސްރާއީލު އުފެއްދުމުގެ ފަހަތުގައިވާ ޔަހޫދީ ޒަޔަނިސްޓު ހަރަކާތުންވެސް އިހުސާސް ކުރެއެވެ. އެހެންކަމުން މިއީ މިފަދަ ޚާއްސަ އާކައިވެއް އިސްރާއީލަށް ޚާއްސަކޮށްގެން އުފެއްދުމުގެ ސަބަބެއްކަމަށް ކަމާބެހޭ ކޮންސެޕްޓް ލިޔުންތަކުން އެނގޭކަމަށް "ހާއާރެޓްސް" ގެ ސަޕްލިމެޓްގައި ބުނެފައިވެއެވެ.
މި ސަޕްލިމެޓްގައިވާގޮތުން އިސްރާއީލު ނޫން ގައުމުތަކަށް ކުރިމަތިވާނީ އެހެން ގައުމަކުން އެގައުމު އިސްތިއުމާރު ކޮށްފާނެކަމުގެ ބިރެވެ. މި ބިރު އިސްރާއީލަކަށް ނެތެވެ. އޭގެބަދަލުގައި އިސްރާއީލަށް ކުރިމަތިވާނީ ނޫނީ އޮތީ އިސްރާއީލު ނެތި ހިނގައިދާނެ ކަމުގެ މައްސަލައެވެ. އެއީ އިސްރާއީލު ގާއިމް ކޮށްފައިވާ ފަލަސްތީނުގެ ބިމުގެ އަހުލިވެރިންގެ ގޮތުގައި ރައްޔިތަކު ތިބީމައެވެ.
ފަލަސްތީނުގެ ރައްޔިތުން މަރާލައި އެ މީހުންގެ ވުޖޫދު ފުހެވިފައި ނުވާތީއާއި އެއީ ކުރެވޭނެ ކަމަކަށް ވެސް ނުވާތީއެވެ. އަނެއްކޮޅުން ދުނިޔޭގެ ޖިއޮޕޮލިޓިކްސްއަކީ ވެސް ބަދަލުވާނެ އެއްޗަކަށްވާތީ އާއި އިސްރާއީލު އުފައްދައިދިނުމުގެ ފަހަތުގައިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ދުނިޔޭގެ އެންމެ ބޮޑެތި ސުޕަޕަވަރުތަކުގެ ގޮތުގައި ދާއިމަށް ނޯންނާނެތީއެވެ.
އިސްރާއީލު މީހުންނަކީ އިސްރާއީލުގެ އިތުރުން އަދި އެހެން ގައުމެއްގެވެސް ސިޓިޒަންޝިޕް އޮންނަ ބައެކެވެ. ފާއިތުވި ދެއަހަރު ތެރޭގައި އިސްރާއީލު ދޫކޮށްފައި އެމީހުންގެ އަސްލު ގައުމަށް ގޮސް ވަޒަންވެރިވި އިސްރާއީލު މީހުންގެ އަދަދުވަނީ ހަތްލައްކައަށް ވުރެ މައްޗަށް އަރާފައެވެ. ނުވަވަރަކަށް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިސްރާއީލަށް މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
އިސްރާއީލު ދޫކޮށްފައި ދަނީވެސް އިސްރާއީލުގެ މުސްތަގްބަލާމެދު ބޮޑެތި ސުވާލުތަކެއް އަބަދުވެސް އުފެދިފައިވާތީއެވެ. އަދި ފާއިތުވި ދެ އަހަރެއްހާ ދުވަހު ތެރޭގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ސަބަބުންނާއި ރައްދުގައި އެކިފަރާތްތަކުން އިސްރާއީލަށް ދިން ހަމަލާތަކާއެކު އިސްރާއީލުގެ ރައްކާތެރިކަން ގެއްލިފައި ވުމުގެ ސަބަބުންނެވެ.
ހާވަޑް ޔުނިވާސިޓީގައި އިސްރާއީލަށް ޚާއްސަކޮށްގެން އުފައްދާފައިވާ އާކައިވް ގައި އިސްރާއީލު އުފެއްދުމާ ގުޅޭ ލިޔެކިޔުންތަކާއި އިސްރާއީލާ ގުޅުންހުރި ކޮންމެ މުހިއްމު އެއްޗެއްގެ ކޮޕީ އޮންނަ ކަމަށް ވެއެވެ. އެއީ އިސްރާއީލަކީ ގައުމަކަށް ވުރެ ތާރީޚުގެ މަރުހަލާ އެއްކަމަށް ބަލައިގެން ތާރީޚަށް ޓަކައެވެ.
ޔަހޫދީ ގިނަ މުފައްކިރުން ދެކޭގޮތުގައި އިސްރާއީލަށް 100 އަހަރު ނުފުރެނީސް އިސްރާއީލު ނެތިދިޔުމަކީ ވަރަށް ގާތްކަމެކެވެ. އިސްރާއީލު އުފެއްދިތާ މިހާރު ވަނީ 77 އަހަރުވެފައެވެ. 80 އަހަރު ވުމުގެ ކުރިން އިސްރާއީލު ނެތި ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ދެކޭ ޔަހޫދީ މުފައްކިރުންނާއި އެ ނޫން މުފައްކިރުން ވެސް ވަރަށް ގިނައެވެ.