އިސްރާއީލުގެ ބޮޑުވަޒީރު ބެނަޖްމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަން ދައުވާތަކަށް މައާފުނުދިނުމަށް ގޮވާލައި، އިސްރާއީލުގެ ގިނަ ބަޔަކު އެ ގައުމުގެ ރައީސް އިއްސާގް ހަރްޒޮގްގެ ގެކޮޅުގެ ބޭރުގައި މުޒާހަރާކޮށްފިއެވެ.
އާންމުން އެއްވެ މުޒާހަރާކުރަން ފެށީ، ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ނަތަންޔާހޫ ރަސްމީކޮށް އިއްޔެ މައާފަށް އެދެމުންނެވެ.
އިސްރާއީލުގެ އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫގެ މައްޗަށް ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ނެތް ކަމުގެ ދައުވާ ހިމެނޭ ގޮތަށް ކޮރަޕްޝަންގެ ވަކިވަކި ތިން މައްސަލައެއްގެ ޝަރީއަތް ކުރިއަށްދާތާ، ފަސް އަހަރު ވެއްޖެއެވެ.
އޭގެތެރެއިން އެއް މައްސަލައިގައި ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާގެ މައްޗަށް ތުހުމަތު ކުރެވެނީ ސިޔާސީ ފައިދާތަކުގެ ބަދަލުގައި ބިލިއަނަރުންގެ އަތުން ސިނގިރޭޓާއި ގަހަނާ އަދި ޝެމްޕޭން ފަދަ އަގުހުރި މުދާ ހޯދި ކަމުގެ ތުހުމަތެވެ. އެގޮތަށް ހޯދި މުދަލުގެ އަގު 260،000 ޑޮލަރަށް ވުރެ އިތުރު ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ދެ މީޑިއާއަކަށް ރިޝްވަތު ދީގެން ނަތަންޔާހޫއަށް ފައިދާވާގޮތަށް ކަވަރޭޖް ގެނެސްދިނުމަށް މަޝްވަރާކުރި މައްސަލައެއްވެސް ނަތަންޔާހޫއާ ދެކޮޅަށް ވަނީ ހުށަހަޅާފައެވެ.
ނަތަންޔާހޫ ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ. އޭނާގެ ވަކީލުން ރައީސް އޮފީހަށް ފޮނުއްވި 111 ސަފްހާގެ ސިޓީއެއްގައި ބުނެފައިވަނީ ތުހުމަތުން ބަރީއަވާނެ ކަމަށް ނަތަންޔާހޫ އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އުފުލާފައިވާ މި ދައުވާއަށް މިހާރު ހަ އަހަރު ވެއްޖެ. އަދިވެސް އެތައް އަހަރަކަށް މި ދައުވާ ދެމިގެން ދާނެ ކަމަށް ބެލެވޭ،" ނަތަންޔާހޫ އާންމުކުރި ވީޑިއޯ ބަޔާނެއްގައި ބުންޏެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގަށް ސިޓީއެއް ފޮނުއްވައި، ނަތަންޔާހޫއަށް މައާފު ދިނުމަށް އެދިވަޑައިގެންފައެވެ.
އެތެރޭގެ ދައުވާތަކުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކާ ގުޅިގެން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިންވެސް ވަނީ ނަތަންޔާހޫއާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ އަހަރު ނެރެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ގާތްގަނޑަކަށް 171،000 މީހުން ޒަޚަމްވެފައިވެއެވެ.