ސައިކަލު ވަގަށް ނެގުން އިތުރުވަނީ، މިދިޔަ މަހު 119 ސައިކަލު ނެގި

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ސައިކަލު ޕާކްކޮށްފައި: މިދިޔަ މަހު މާލެއިން ވަގަށްނެގި 119 ސައިކަލުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިދިޔަ މަހު މާލެއިން 119 ސައިކަލު ވަގަށް ނަގައިފައިވާ ކަމަށާއި އެއީ އޭގެ ކުރީ މަހަށްވުރެ އިތުރު އަދަދެއް ކަމަށް، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ވަގަށް ނެގި ކަމަށް ބުނެ ރިޕޯޓުކުރި 119 ސައިކަލު ތެރޭގައި ހިމެނެނީ ހޮންޑާ ވޭވް/ސްކޫޓާސް، ހޮންޑާ ޕީސީއެކްސް، ހޮންޑާ އެއާ ބްލޭޑް އަދި ޔަމަހާ އެންމެކްސް މޮޑެލްގެ ސައިކަލުތަކެވެ.

ފުލުހުން ވަނީ މިދިޔަ މަހު މާލެއިން ގެއްލިގެން ރިޕޯޓުކުރި 110 ސައިކަލު ހޯދާފައެވެ. އެއީ އެ މަހު ރިޕޯޓުކުރި ސައިކަލުތަކުގެ ތެރެއިން 92.4 އިންސައްތަ ކަމަށްވާއިރު އެ ސައިކަލުތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑަށް ތަކެތި ގެއްލިގެން ރިޕޯޓުކުރި މައްސަލަތަކާ ގުޅިގެން، ފަސް މިލިއަނެއްހާ ރުފިޔާއަށް އަގުއަރާ މުދާ ހޯދައިފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހޯދާފައި ވަނީ ސައިކަލެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް ގެއްލުނު ކަމަށް ރިޕޯޓުކުރި މުދަލުގެ ތެރެއިން އެންމެ ގިނައިން ހޯދާފައި ވަނީ ސައިކަލެވެ. އޭގެ ތެެރޭގައި 109 ސައިކަލު ހިމެނޭއިރު އެ ތަކެތީގެ މުޅި ޖުމްލަ އަގު ހަ މިލިއަން ރުފިޔާއަށް އަރައެވެ.

https://sun.mv/212842

ސައިކަލު ވަގަށްނެގުމުގެ މައްސަލަ އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ސައިކަލު ޕާކްކުރުމަށްފަހު ތަޅުދަނޑި ނެގުމަށާއި މެގްނެޓިކް ޝަޓާ ލޮކް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހާމަކަން ބޮޑު، އަލިގަދަ ތަންތަނުގައި ސައިކަލު ޕާކުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް