ފުރްގާން މިސްކިތަށް ގެއްލުން ދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ, މާލޭގެ އިތުރު މިސްކިތަކަށް މިއަދު ގެއްލުންދިން މައްސަލައެެއް ފެންމަތިވެއްޖެއެވެ.
ފުލުުހުން ބުނީ މިއަދު މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ދިން ހަމަލާގައި މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް މައުލޫމާތުދިން ގޮތުގައި މިއަދު ހެނދުނު 06:45 އެހާކަންހާއިރު އޭނާ މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތް ކައިރީގައި ހުއްޓާ ފިރިހެނަކު އެތަނަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށެވެ.

މިއަދު މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ދިން ގެއްލުން: ---ފޮޓޯ: އަޙްމަދު މުނައްވަރު
އޭނާ ބުނިގޮތުގައި އެ ފިރިހެން މީހާ ވަނީ ކޮންކްރީޓްގަނޑެއް ބޭނުންކޮށްގެން މިސްކިތުގެ ތިރީބައިގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިފައެވެ.
ހަމަލާދިން އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއަކީ ބުއްދި ހަމަަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވާއިރު އިއްޔެ އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި ބަހައްޓާފައި ހުރި, މުސްހަފްތަކާއި ގޮނޑިތަކަކަށް ގެއްލުންދިން މައްސަލައެއްވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުން ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. ފުލުހުން ބުނީ މާލޭގެ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހުގެ ދަންވަރު 02:20 އެހާކަށްހާއިރު އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިސްކިތްތަކަށް ގެއްލުންދިނުމުގެ މި ތިން މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.