ހުޅުމާލޭ ޕޮލިސްގައި އިސްކޮށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އޭނާ އެ މަގާމުން ދުރުކޮށްފިއެވެ.
ދާއޫދަށް ކޮރަޕްޝަނުގެ ތުހުމަތުކުރީ، ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
މިދިޔަ މަހުގެ 14ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ.
ދާއޫދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އޭނާ ފްރޭމް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް އެދި ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް އަމިއްލައަށް ވަނީ ހުށަހަޅުއްވައިފައެވެ.
ފުލުހުން މިއަދު ބުނީ، ދާއޫދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބަލާ މައްސަލަތަކުގައި ވަކި ގޮތެއް ނިމެންދެން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހެޑް އޮފް ހުޅުމާލޭ ޕޮލިސްގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އޮފީސް އޮފް ކޮމިޝަނާއަށް ރިޕޯޓުކުރާ ގޮތަށް ނިންމައިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މީގެ އިތުރުން، ހޮނިހިރު ދުވަހުން ފެށިގެން ހެޑް އޮފް ހުޅުމާލޭ ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހެޑް އޮފް ހުޅުމާލޭ ޕޮލިސްގެ މަގާމަށް އައްޔަންކޮށްފައިވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) -- ފޮޓޯ/ ފުލުހުން
ފުލުހުން ވަނީ، ދާއޫދަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަމުން އަންނަ ކަމާއި އެމްއެމްޕީއާރުސީ މައްސަލައިގައި ފުލުހުން ހިމެނޭ ބައި ދިރާސާ ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގައި ނާޒިމް ވިދާޅުވީ، ފުލުހުންނަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެ މުއައްސަސާއިން ބެލި ކަމަށާއި އެކަމަކު ވަކި ހިސާބަކުން ހުއްޓާލި ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް ދާއޫދުގެ ނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅުވައި ކުރާ ތުހުމަތަށް ރައްދު ދެއްވައި ދާއޫދު "ސަން"އަށް ވިދާޅުވީ، އެ މައްސަލައަކީ ވަރަށް ފުޅާކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ފައިސާ ދިން އެންމެންގެ ތަފުސީލުތަކާއި ބަޔާންތައް އިދާރާތަކުގައި ހުންނާނެ ކަމަށެވެ. އަދި އެ ޚިޔާނާތުގައި ހިމެނޭ ބަޔަކު ކައިރީގައި ފައިސާއެއް ދިނުމަށް ދުވަހަކު ވެސް އެދިފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތުތައް ފެންމަތިވި ދުވަހު ދާއޫދު ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ. އޭރު ވަގުތީ ގޮތުން، ހުޅުމާލޭ ޕޮލިސްގެ ވެރިޔާގެ މަގާމު އަދާކުރެއްވީ ވެސް ޓޫފޯއެވެ.
ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި ސެޕްޓެންބަރު 17، 2024 ގައެވެ. މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދާކުރައްވައިފައެވެ.