ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހަދަން ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.
ބީއެމްއެލުން ވަނީ، މިއަދުން ފެށިގެން ބައެއް އޮންލައިން ވިޔަފާރި ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެ ހަ ވެބްސައިޓުން ފީ ނަގަނީ ހަމައެކަނި ރުފިޔާ ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށެވެ. ކްރެޑިޓް ކާޑު ނުވަތަ ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަކުން ފީއެއް ނުނަގާނެއެވެ. އަދި އެ ހަ ވެބްސައިޓް ފިޔަވާ ދެން ދިވެހީން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގާތްގަނޑަކަށް 155,000 ވެބްސައިޓުން ވެސް އިތުރު ފީއަކާ ނުލައި ބޭންކުގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެއެވެ.
އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް އޮންލައިންކޮށް އެ ވެބްސައިޓްތަކުން މުދާ ގަތުމަކީ ގިނަ ދިވެހީން ކުރާ ކަމަކަށްވާއިރު މި ފީ ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މީގެކުރިން އެފަދަ ސައިޓުތަކުން ފީއެއް ނުގެނި ނަމަވެސް، ފިޔަވަޅުތަކެއް އަޅަން ނިންމީ ޑެބިޓު ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ކަމަށް އެބެންކުން ވަނީ ބުނެފައެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ރޭ ވިދާޅުވީ، ހަ ވެބްސައިޓަކަށް ކޮންޓްރޯލެއް ލާން ޖެހުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހޭދަ ކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް: ބީއެމްއެލުން ބުނީ، ޓީމޫ ފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އެހެން ބޭނުންތަކަށް ޑޮލަރު ދެވޭނީ ކޮންޓްރޯލެއް އޮވެގެން ކަމަށް ވާތީ ކަމަށް -- ފޮޓޯ: ބީއެމްއެލް
މިދިޔަ އަހަރު އެ ވެބްސައިޓުތަކަށް މަހަކު ހޭދަކުރި 20 މިލިއަން ޑޮލަރު މިއަހަރު 45 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބަދުރު ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ބީއެމްއެލުން ބުނީ ބީއެެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު އެ ބޭންކުން ޚަރަދުކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އޮންލައިން ޕްލެޓްފޯމްތަކަށް ކުރާ ޚަރަދުކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން ފީ ނަގާނެކަމަށް އިއްޔެ އިއުލާނުކުރި ހަ ޕްލެޓްފޯމަށް، 75 ޕަސެންޓުގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.
އޭގެ ތެރެއިން ވެސް ޓީމޫއަށް އެކަނި ހަތް މިލިއަން ޑޮލަރު މަހަކު ހޭދަކުރާއިރު، އާންމުކޮށް އެ ކަން ކުރަނީ ވިޔަފާރި ބޭނުންތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެހެންވެ މި ބަދަލު ގެނައީ މުޅި މުޖުތަމައުގެ ބޭނުންތަކަށް ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އެ އަދަދު އެއަށް ވުރެ ބޮޑަށް އަރައިގެން ދިޔުމުން އިތުރު ޒަރޫރީ ޚިދުމަތްތަކަށް ޑޮލަރު ފޯރުކޮށްދޭން ބޭންކަށް އުނދަގޫވާނެ ކަން ބަދުރު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން ޑެބިޓު ކާޑުތަކުގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީއާއި ސްޓެއިޕެންޑާއި ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރު ކުރާ ދިވެހީންނަށް ވެސް ޑޮލަރު ފޯރުކޮށްދޭ ކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.
މިކަންތައްތަކަށް ޑޮލަރު ފޯރުކޮށްދެވޭނީ ކޮންމެވެސް ކަހަލަ ކޮންޓްރޯލްތަކެއް ވެސް އޭގެތެރެއަށް ލައިގެން ކަން އަޅުގަނޑުމެނަށް ގަބޫލުކުރެވޭ. އެހެންވީމައި އަސްލު އެޗާޖުތަކެއް މިއަދު އޭނީ އިންޓްރޮޑިއުސްކޮށްފައި ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން
އޭގެއިތުރުން، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ނާސިހު ވިދާޅުވީ، އެބަދަލުތައް ގެނައީ ބައެއް ކަސްޓަމަރުންގެ ފަރާތުން ނުރަނގަޅު ބަދަލުތަކެއް ވެސް ފެނުމުން ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލު ދެއްވައި ބަދުރު ވިދާޅުވީ، ރާއްޖޭން ބޭރަށް ދަތުރުކުރާ މަދު ބަޔަކު ގިނަ ބައެއްގެ ޑެބިޓު ކާޑުތައް ހިފައިގެން ގޮސް، އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށެވެ.

ބީއެމްއެލް: އެބެންކުން ބުނީ، ޓީމޫ ފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އެހެން ބޭނުންތަކަށް ޑޮލަރު ދެވޭނީ ކޮންޓްރޯލެއް އޮވެގެން ކަމަށް ވާތީ --- ފޮޓޯ/ ކޮރަލް ގްރާސް މާކެޓް
އެކަމުގެ މިސާލެއް ދައްކަވައި، ބަދުރު ފާހަގަކުރެއްވި ގޮތުގައި، އެންމެ ކަސްޓަމަރަކު 20 ނުވަތަ 30 ކާޑު ބޭރަށް ގެންގޮސްފައި އެބަހުރި ކަމަށެވެ.
އެގޮތަށް ނަގާ ޑޮލަރުތައް ރާއްޖޭގެ ކަޅު ބާޒާރުގައި ދައުރުކުރާކަން ފާހަގަވެފައިވާ ކަމަށް ބަދުރު ވިދާޅުވިއެވެ.
އެއީ ކަސްޓަމަރުންނަށް ދެވިފައި ހުރި ލިމިޓުތައް ނޭދެވޭ ގޮތުގައި ބޭނުންކުރުންކަން ފާހަގަކުރައްވައި، ބަދުރު ވަނީ ކަސްޓަމަރުން އެކަމަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ބީއެމްއެލްއިން ބަދަލު ގެނައި ސަބަބުތައް ހާމަކުރިއިރު، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް ވަނީ 500 ޑޮލަރަށް ދެގުނަކޮށްފައެވެ. އޭގެއިތުރުން، އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ވެސް އެ ބެންކުން ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ މާކެޓުގައި ޑޮލަރު ލިބުން ދަތިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި މާރު ކުރަން ވަނީ މަޖުބޫރު ކޮށްފައެވެ.