ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް, ދީފައިވާ 750 ޑޮލަރުގެ ކާޑު ލިމިޓްގެ ތެރެއިން މާދަމާއިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްއިން ނެގޭނީ 125 ޑޮލަރު ކަމަށް ބޭންކުން ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ.
ނަމަވެސް އެ ލުޔާއެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ބައެއް ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބޭންކުން ވަނީ ނިންމައިފައެވެ.
ހަމައެއާއެކު ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ވަނީ ލިމިޓްކޮށްފައެވެ. އަދި މިފަދަ ކޮންމެ ޓްރާންސެކްޝަނަކުން 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ. ކުރިން ފީގެ ގޮތުގައި ނަގަނީ 100 ރުފިޔާއެވެ.
ބީއެމްއެލްއަށް ގުޅުމުން ބުނީ، ނަގުދު ފައިސާގެ ގޮތުގައި 125 ޑޮލަރު ނެގޭ ގޮތަށް ލިމިޓްކޮށްފައިވާ މީހުންގެ ތެރޭގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭތީ 750 ޑޮލަރުގެ ކާޑް ލިމިޓް ދީފައިވާ މީހުން ވެސް ހިމެނޭނެ ކަމަށެވެ. އެ މީހުންނަށް ވެސް މާދަމާއިން ފެށިގެން ދެން ނަގުދު ފައިސާގެ ގޮތުގައި ނެގޭނީ 125 ޑޮލަރު ކަމަށާއި ނަމަވެސް އެހެން އޮންލައިން ޓްރާންސެކްޝަންތަކާއި ޕީއޯއެސްގައި 750 ލިމިޓާ ހަމައަށް އެ ކާޑުން މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ނަގާ 125 ޑޮލަރުން ވެސް، މިހާރު އިތުރުކޮށްފައިވާ 10 ޑޮލަރުގެ ފީ ނަގާނެއެވެ.
މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ބުނީ ގިނަ ދިވެހީން ކުއްޔާއި ޔޫޓިލިޓީ ބިލްތައް ދައްކަމުން އަންނަނީ އެ 750ގެ ލިމިޓުގެ ތެރެއިން ނަގުދު ފައިސާ ނަގައިގެން ކަމަށާއި އެ ލިމިޓް 125 އަށް ކުޑަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"125 ޑޮލަރަކީ ގާތްގަނޑަކަށް 500 ރިންގިޓް. އޭގެން ފެންބިލް, ކަރަންޓް ބިލް ދެއްކޭނީ. ކިހިނެއް ރެންޓް ދައްކާނީ؟ މިކޮޅުގައި އޮންލައިން ގިނަ ޓްރާންސެކްޝަންތަކުގައި ރާއްޖޭގެ ކާޑު ބޭނުން ނުވެސް ކުރެވޭ. އެހެންވީމަ އޮންލައިންކޮށް ކުއްޔެއް ނުދެއްކޭނެ," މެލޭޝިއާގައި ދިރިއުޅޭ އެ ޒުވާނާ ބުންޏެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އަންނަނީ މި ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.
ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން، އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނަގާ ޑޮލަރު ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ދަނީ ވިއްކަމުންނެވެ.
ބޭންކުން މި ގެނައި ބަދަލާއެކު ވެސް ކިޔަވާ ކުދިންގެ ކާޑަށް ދީފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މިހާރެކޭ އެއްގޮތަށް އެ ކާޑު ބޭނުންކޮށްގެން ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގޭނެއެވެ.