ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ރައުދު އަހުމަދު ޒިލާލް ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖަކު ފެނިފައެވެ. އެއީ، ހައްވާ ޔުމްނު ރަޝީދުއެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު އަހުމަދު ޒިލާލްގެ އެކަންޏެވެ.
އެހެންވެ، ފުލުހުންނަށް ފާޑުކިޔައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ވަނީ މީހަކު ހައްޔަރުނުކުރާތީއާއި ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އޭގެ ފަހުން ފުލުހުން މިއަދު ވަނީ ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު ހާމަކޮށް، އެ މީހުން ބަލައި ފާސްކުރަން ފަށައިފައެވެ. ހާދިސާއަށް މިއަދަށް މިއީ ހަވަނަ ދުވަހެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ ހާދިސާ ހިނގި ވަގުތު ޔުމްނުއާ އެކު އުޅުނު ރައުދު ހައްޔަރުކުރަން މިހާރު ކޯޓު އަމުރަކަށް ފުލުހުންގެ ފަރާތުން އެދިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެއްޗަށް ތަހުލީލުކުރަން ކުޑަކަމުދާތަކެތި ނުދޭތީ ވެސް ކޯޓު އަމުރަކަށް އެދިފައެވެ. މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލައި ފާސްކުރަން ފެށީ ވެސް މިއަދެވެ. ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
މައްސަލައިގައި ދެން ހިމެނޭ މީހުންނަކީ:
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަމީސް އަލީ
- އިޖާޒް ޖާއިޒް
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.
ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ. އޭނާ އަމިއްލައަށް ވެއްޓުނު ނަމަ ވެއްޓިފައި އޮންނާނީ އެ ތަނަށް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ފުލުހުން ވަނީ ރައްދު ދީފައެވެ.
ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ނުފޮނުވިދާނެތީ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.