ކެންދޫން ކަރަންޓު ކެނޑޭތާ ހަ މަސް، މިއަދުގެ ބޮޑުބައި ކަރަންޓު ނުލިބި

ބ. ކެންދޫ: އެ ރަށުގައި ކަރަންޓު ކެނޑޭތާ ހަ މަސްވެފައިވާ ކަމަށް އެ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވި --

ބ. ކެންދޫން ކަރަންޓު ކެނޑޭތާ ހަ މަސް ވެފައިވާ ކަމަށާއި، މިއަދު މެންދުރު ފަހުން ފެށިގެން ކަރަންޓު ކެނޑިފައި އޮތް ކަމަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެއެވެ.

ކެންދޫން ކަރަންޓު ކެނޑިފައިވާ މައްސަލައިގައި "ސަން"އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ކެންދޫއިން ކަރަންޓު ކެނޑޭތާ ހަ މަސް ވެފައިވާއިރު، އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ފެނަކައިން ބުނަނީ އައު ޖެނަރޭޓަރެއް ގެނެވިގެން ކަމަށެވެ.

"އިންޖީނެއް ލިބޭނެ ކަމެއް ނުލިބޭނެ ކަމެއް ވެސް ނޭނގޭ. މި ވަގުތު ވެސް ކެންދޫގެ ރައްޔިތުން ހަމަ އަނދިރީގައި އެ ތިބީ،" މައުރޫފް ވިދާޅުވިއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވީ އެ ރަށުގައި 250 ވޯޓުގެ ޖެނަރޭޓަރެއް ބަހައްޓައިގެން ބައެއް ހިސާބުތަކަށް ކޮންމެ ވެސް މިންވަރަކަށް ކަރަންޓު ދެމުންދާ ކަމަށެވެ. އެ ގޮތުން ސަރަހައްދަކަށް ކަރަންޓު ދެމުންދަނީ 15 މިނެޓަށް ކަމަށާއި، އަނެއް 15 މިނެޓު އަނދިރީގައި ތިބެން ޖެހޭ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުން މިހާރު ވެސް މި ތިބީ އަނދިރީގައި. މިއަދު މެންދުރުފަހު ދޭއްޖެހީއްސުރެން ކަރަންޓެއް ނެތް. އިންޖީނުގެއިން މައުލޫމާތު ދެނީ ކަރަންޓުގެ ޚިދުމަތެއް ނުލިބޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވެސް ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ ހަ މަސް ވެފައިވާ ކަމަށެވެ. މި މައްސަލަ ސަރުކާރުގެ ކަމާގުޅޭ އިދާރަތަކަށް އެންގުމާއެކު، ފެނަކައިންނާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް އޮތީ ރޯދައިގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭން ބުނެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ރޯދަމަސް ނިމުނުއިރު ވެސް އެ މައްސަލަ ހައްލުވެފައި ނުވެއެވެ.

"އޭރުއްސުރެ ސަރުކާރުން ބުނަމުން އެބަދޭ ކެންދުއަށް ބޭނުންވާ ޖެނަރޭޓަރު ހުރީ މާލެ ގެނެސްފައި ކަމަށް. ހަ މަސް ދުވަސް ފާއިތުވެގެންދިޔައިރު ވެސް އެ ޖެނަރޭޓަރެއް ނުއެއް ލިބުނު. މިއަދު ޚަބަރު ލިބުނު ކޮންމެ ވެސް އެހެން ރަށަކަށް އެ [ޖެނަރޭޓު] ގެންދިޔަ ކަމަށް ވެސް،" ވިދާޅުވިއެވެ.

ކެންދޫއަކީ 1،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފެނަކައިގެ ބަހެއް ލިބިފައިނުވެއެވެ.

ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑު ވެފައިވެއެވެ. މި ސަރުކާރުން ވަނީ، އެ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީ، އަތޮޅުތެރޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް އަދާހަމަނުކޮށް ކުރުން ކަމަށް ބުނެފައެވެ.

comment ކޮމެންޓް