ފެނަކައިގެ ޕެޓީކޭޝްއަށް ޚިޔާނާތްވުން: 3 މީހަކަށް ދައުވާކުރަން އެދި، ހަ ލައްކަ ރުފިޔާ ހޯދަން އަންގައިފި

ފެނަކައިން އައްޑޫގައި ހިންގި މަޝްރޫއެއްގެ ތެރެއިން: ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝްއަށް ޚިޔާނާތްވި މައްސަލައެއްގައި ދައުވާ ކުރަން ވަނީ ފޮނުވައިފައި -- ފޮޓޯ/ ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ސައިޓުތަކަށް ދޫކޮށްފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މުވައްޒަފުންތަކަކަށް ދައުވާ ކޮށްދޭން އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ދަޢުވާކޮށްދިނުމަށް އެދި 10 އެޕްރީލް 2025 ގައި ފޮނުވައިފިއެވެ.

އޭސީސީން ބުނީ އެ މައްސަލައަކީ، ފެނަކައިގެ އައްޑޫ ސިޓީ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، ބޭނުންކުރި މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފައިވަނީ:

  • ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަޙްމަދު ސާތިޝް ސައީދު (ހަސީނީވިލާ، ސ.ފޭދޫ)
  • ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި އޭރު ހުރި މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި)
  • ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ޙުސައިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ)

އެ ތިން މީހުންނަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އޭސީސީން ހުށަހަޅައިފައިވަނީ، ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.

އެ މައްސަލައިގައި، 623,208.80 ރުފިޔާ އަނބުރައި ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގައިފައެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭތީ، އެކަން ތަހުގީގުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ނިންމައިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަސް ތެރޭގައި ވަނީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.

https://sun.mv/204772

މީގެ އިތުރުން، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ހިމެނޭ ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައެއްގައި އޭނާއަށް ދައުވާ ކޮށްދިނުމަށް އޭސީސީން ވަނީ މިދިޔަ އާދިއްތަ ދުވަހު ޕީޖީގައި އެދިފައެވެ. އެ މައްސަލައިގައި ފެނަކައިގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދަށް ވެސް ދައުވާކުރަން ވަނީ ފޮނުވައިފައެވެ.

ސައީދު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް