އާންމުންގެ ޚިޔާލާ ޚިލާފަށް، ސިނގިރޭޓު މަނާކުރަނީ 2007އިން ފެށިގެން އުފަންވި ޖީލަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އާންމުންގެ ޚިޔާލާ ޚިލާފަށް، ސިނގިރޭޓު މަނާކުރަން ސަރުކާރުން ނިންމީ 2007އިން ފެށިގެން އުފަންވި ޖީލަށް -- ފޮޓޯ/ ރައީސް އޮފީސް

ޖީލަކަށް ސިނގިރޭޓު މަނާކުރުން ނުވަތަ ޖެނެރޭޝަނަލް ބޭންއެއް ގެންނަން، ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް މަނާކުރަން ނަމަވެސް، 2007އިން ފެށިގެން އުފަންވި ޖީލަށް މަނާކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

މި މަހުގެ ދެވަނަ ދުވަހު އޮތް ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަނަލް ބޭންއާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ އާއްމުންގެ ހިޔާލު ހޯދުމަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ:

  • ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

އެއާއެކު އެކްސް، ފޭސްބުކް، އަދި އިންސްޓަގްރާމްގައި، އެ ތިން ހުށަހެޅުން ހިމެނޭހެން ޕޯލެއް ވެސް ރައީސް ފެއްޓެވިއެވެ. މިދިޔަ އަންގާރަ ދުވަހު އެ ޕޯލްގެ ވަގުތު ހަމަވިއިރު އެންމެ ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ، 2000އިން ފެށިގެން އުފަންވި މީހުންނަށް ސިނގިރޭޓު މަނާކުރުމަށެވެ.

https://sun.mv/204536

އެހެންނަމަވެސް، މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި ނިންމައިފައިވަނީ، ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް 'ޖެނެރޭޝަނަލް ބޭން' ތަންފީޒު ކުރުމަށެވެ.

އެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްހާލުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް އެންގުމަށް ވެސް ކެބިނެޓުން ނިންމިއެވެ. އެގޮތުން މި ގާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރާ ތާރީޚުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި އަހަރުގެ ނޮވެންބަރުން ފެށިގެން ގާނޫނު ތަންފީޒުކުރަން ފެށުމަށް ކެބިނެޓުގެ ނިންމުމުގައިވެއެވެ.

މީގެ އިތުރުން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ކަނޑައަޅައިފައެވެ.

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ އަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކޮށްފައިވެއެވެ.

comment ކޮމެންޓް