ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް، ޖީލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް މިއަދުގެ ކެބިނެޓުގައި މަޝްވަރާކޮށް، ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ، ވަކި އުމުރެއްގެ ޒުވާނުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވާއިރު، އެކަމަށް އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ޕޯލެއް ހުޅުވާލެއްވިއެވެ. އެ ޕޯލަށް މުއްދަތު ހަމަވިއިރު، އެންމެ ގިނަ މީހުން ތާއިދުކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށެވެ.
މިއަދުގެ ކެބިނެޓަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ވީޑިއޯއެއް ހާމަކުރައްވާފައެވެ. އެ ވީޑިއޯގައި 2022 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްތިކް ސާވޭއާ ހަވަލާދެއްވައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ގައިންގަޔަށް ނާރާ ގިނަ ބަލިތަކަށް ޖެހެއެވެ. އެގޮތުން، ރާއްޖޭގައި 84 އިންސައްތަ މީހުން މަރުވަނީ އެފަދަ ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން، ވެސް ރައީސް ވަނީ ސާވޭތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދުނިޔޭގެ ޔޫތް ގްލޯބަލް ޓޮބޭކޯ ސާވޭ ދައްކާގޮތުން، ސުކޫލު އުމުރުފުރައިގެ ކުދިންގެ 45 އިންސައްތަ ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ބާވަތެއްގެ ނިކޮޓިން ބޭނުންކުރާ ކުދިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއަކުން ވިސްނަން ޖެހޭ ބޮޑު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މުޅި އާބާދީ, ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ކެންސަރު ފަދަ ބަލިތަކުން ސަލާމަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައަކަށް ނުހެދުމަށްޓަކާ މަޝްވަރާކޮށްގެން އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން." ރައީސް ވިދާޅުވިއެވެ.
ޖީލަކަށް ދުންފަތް މަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އޮފިޝަލުންނާ މަޝްވަރާކުރައްވައި، ލަފާ ހޯއްދަވާފައެވެ.
comment ޢަލީ
1 week 1 day ago
އިއްޒަތްތެރި ރައީސްއެވެ . އަޅުގަނޑަކީ އުމުރުން 65 އަހަރުވެގެން ސަރުކާރުން މިފަހުން ރިޓަރަ ކޮށްފައިވާ މީހަކީމެވެ . ރިޓަޔަރ ވުމުން މުސާރައިގެ ގޮތުގައި މަހުން މަހަށް ދެއްވަނީ އަޅުގަނޑުގެ އަތުން ޕެންޝަނަށް ކެނޑި ފައިސާއެވެ . ނަމަވެސް ޤާނޫނުން ދިވެހި ކޮންމެ ރައްޔިތަކަށް 65 އަހަރު ވުމުން ދިނުމަށް ކަނޑައެޅިފައިވާ 5000 ރ އެއް ނިލިބެއެވެ . ޕެންޝަން އޮފީހުން ބުނާގޮތުން ސަރުކާރުންދޭ 5000ރ އަށްވުރެ ބޮޑުވީމަ މުސްކުޅިންނަށްދޭ ފައިސާ ނުލިބެނީކަމަށްބުނަނީ ރައީސްއެވެ އަޅުގަނޑަކީ ދިވެއްސެކެވެ. އަޅުގަނޑު ރައްކާކުރި ފައިސާލިބެނީ ވީމާ މިކަން އިސްލާހު ކޮށްދިނުން އެދެމެވެ .
comment ލލ
1 week 2 day ago
ބަންގުރަލާއި އޫރުމަސް މަނާ ކިރަންވީ އަބަދަށް !
comment އަކްރަމް
1 week 2 day ago
ޖީލަކަށް ދުންފަތް މަނާ ކުރާއިރު ތުންފަތް ވެސް މަނާ ކުރަން ޖެހޭ!