ދުނިޔޭގެ އެންމެ ބޮޑު ފެޝަން ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ޕްރާޑާއިން އިދިކޮޅު ވާދަވެރި ކުންފުނި "ވަސާޗީ" ގަންނަން ނިންމައިފިއެވެ.
މީގެ މަހެއް ކުރީން ނޫސްތަކުގެ ހެޑްލައިނުން ފެނިގެން ދިޔައީ ވަސާޗީ ހިންގަމުން ދިޔަ ޑޮނެޓެލާ ވަސާޗީ، 20 އަހަރަށްވުރެ ގިނަ ދުވަހަށްފަހު މަގާމުން ރިޓަޔަރުވާން ނިންމާފައިވާ ކަމުގެ ވާހަކައެވެ. އެއާއެކު ކުންފުނީގެ މުސްތަގުބަލާ ގުޅޭގޮތުން އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އަދި ކުންފުނި ހިންގާނެ މީހަކާ ގުޅޭގޮތުން ވާހަކަތަކެއް ވެސް ދެކެވިގެން ދިޔައެވެ.
ނަމަވެސް އެންމެ ފަހުން މިއޮތީ ކުންފުނީގެ މުސްތަގުބަލާ ގުޅޭގޮތުން އާ ހަބަރެއް ލިބިފައެވެ. އާ މައުލޫމާތުތަކުން ބުނާގޮތުގައި އިޓަލީގެ އެންމެ ބޮޑު ފެޝަން ދެ ކުންފުނި ކުރިއަށް އޮތްތަނުގައި އެއްކޮށްލާނީއެވެ. އެއީ ޕްރާޑާއިން ވަސާޗީ ގަތުމަށްފަހު ދެ ކުންފުނި އެއްކޮށްލުމަށް ނިންމާފައިވާ ވާހަކައެވެ.
ޕްރާޑާއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ވަސާޗީ ގަތުމަށް މަސައްކަތް ކުރަނީ 1.37 ބިލިއަން ޑޮލަރަށެވެ. މިއީ ވަސާޗީއިން ކުންފުނި ޑިސްކައުންޓެއްގައި ވިއްކާ އަދަދެކެވެ. އެގޮތުން މީގެ ކުރީން ވަސާޗީގެ އަގު އޮތީ 2.15 ބިލިއަން ޑޮލަރުގައެވެ.
މި ފާއިތުވި އަހަރުތަކުގައި ވަސާޗީ ހިންގަމުން ދިޔައީ ބޮޑު ގެއްލުމެއްގައި ކަމަށް ޕްރާޑާއިން ބުނެއެވެ. ޕްރާޑާއިން ކުންފުނި ގަތުމަށްފަހު ކުންފުނީގެ އަސްލު ނުގެއްލޭ ގޮތަށް އާ ވިސްނުމެއްގައި އުފެއްދުންތައް ރިލީޒްކުރާނެ ކަމަށް ޕްރާޑާއިން ބުނެއެވެ. ޕްރާޑާގެ ނަމުގެ ދަށުން މި އުފެއްދުންތައް ނެރުނު ނަމަވެސް މި އުފެއްދުންތައް ހިންގާނީ ޕްރާޑާގެ ވަކި ގޮތްޕޮއްގެ ތެރެއިންނެވެ.
އަލަށް ގެންނަ ބަދަލުތަކާއެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ޕްރާޑާއިން ބުނެއެވެ.