ސިޔާސީ މައިދާނުގައި ހެދުން އެޅުމަކީ ހަމައެކަނި ފޮތިގަނޑެއް ނުވަތަ ބްރޭންޑެއް އިޚުތިޔާރު ކުރުމެއް ނޫނެވެ. އެއީ، މުޖުތަމައަށް ފޯރުކޮށްދޭ މުހިންމު މެސެޖެކެވެ. ރައްޔިތުންނާ ގުޅުން ރަނގަޅު ކުރެވެން އޮތް މަގެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އާންމުކޮށް ފެންނަ މަންޒަރަކީ އަގު ބޮޑު ބްރޭންޑުތަކުން ހެދުން އަޅައިގެން ރައްޔިތުންނާ މުޚާތަބުކުރައްވާ ނުވަތަ އެކި ފަންތީގެ މީހުންގެ އިހުސާސުތަކާއި ދިރިއުޅުމުގެ ހާލަތު ދަންނަކަމަށް ބުނަމުން، ބައްދަލުކޮށް ރަށްރަށަށް ޒިޔާރަތްކުރައްވާ މަންޒަރެވެ.
މިއީ މާ ބޮޑު ކަމެއްގެ ގޮތުގައި ވިސްނިފައި ނުވިއަސް ގައުމުގެ ހާލަތު ހުރިގޮތުން މީހުންގެ އިތުބާރާއި ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ހޯދައިބަލާ ކެމްޕެއިން ދަތުރުފުޅުތަކުގައި، މިގޮތަށް ހެދުން އަޅައިގެން ތިބުމަކީ އާންމު ރައްޔިތު މީހާއާ ދެމެދު ބޮޑެތި ފަރަގުތަކެއްވާކަން އިހުސާސްކުރުވަދީ ފަންތީގެ ފަރަގު ނިކަން ބޮޑަށް ދައްކުވައިދޭ ކަމެކެވެ. ސްމާޓްކޮށް ހެދުންއަޅާ ތައްޔާރު ވެލައިގެން ހުރުމަކީ އަގު ބޮޑެތި ލޭބަލްތައް ބޭނުން ކުރުމެއް ނޫންކަން ވިސްނާލުމަކީ ރަނގަޅު ކަމެކެވެ.

ރާއްޖެ ތަމުސީލުކޮށް ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކުރުމަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި ހާލަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ބައެއް ބޭފުޅުން ހުންނަވާތަން ވެސް ފެނެއެވެ. އަދި، މި ނޫނަސް ކެމްޕެއިން ޕޯސްޓަރުތަކުގައި ގައުމުގެ އެންމެ އާދައިގެ މީހުންގެ އަތުން ވޯޓު ހޯދުމަށްޓަކައި ޖަހާލާ ފޮޓޯތަކުގައި ވެސް އަޅައިގެން ހުންނަ ހެދުންތައް ބައެއް ބޭފުޅުންނަށް މާ ސީރިއަސްކޮށް ނުނެގި ހުންނަކަން ވެސް ފާހަގަ ކުރެވެއެވެ.
މި ހުރިހާ ކަންކަމަށް ވިސްނާލާއިރު މިސާލެއްގެ ގޮތުގައި ނަގާނަމަ ނިއުޔޯކް ސިޓީގެ ސިޔާސީ ޝަޚުޞިއްޔަތެއް ކަމަށްވާ ޒަހްރާން މަމްދާނީ ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. އެ ބޭފުޅާ ކެމްޕެއިން ކުރެއްވުމުގައި ތަފާތަކީ އާދައިގެމަތިން ފެންނަ "އެލީޓް" ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ރައްޔިތުންނާ ގާތް، ސާދާ އަދި މުޖުތަމައުގެ އާންމު މިންގަނޑުތަކާ ގުޅިފައިވާ ވައްޓަފާޅިއެއް ގެންގުޅޭކަމެވެ. ވައުދުނާމާތަކުގެ އިތުރުން ހެދުން އެޅުމުގައި ވެސް މެއެވެ.
ޒުވާން އަދި ޒަމާނީ ޖީލުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ދިވެހި ސިޔާސީ ލީޑަރުންނަށް، މި ބުނާ "މަމްދާނީ މެތަޑް" ނުވަތަ މި ގޮތްތަކަކީ ބޭނުންތެރި ނަމޫނާއަކަށް ވާނެއެވެ. ޒޯހްރާން މަމްދާނީ މަޝްހޫރުވެފައިވަނީ އޭނާގެ އަމިއްލަ ނަފްސަށް "ޔުނިކްލޯ އަންކަލް"ގެ ނަމުން ނިސްބަތްކުރާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އިޚްތިޔާރު ކުރައްވަނީ އާދައިގެ މީހުން އާންމުކޮށް ބޭނުންކުރާ ބްރޭންޑްތަކުގެ ހެދުންތަކެވެ. އަގުބޮޑު ލޭބަލްތަކެއް ނޫނެވެ.
މަމްދާނީ މެތަޑުން ދެން އެންމެ ހިތްގައިމު ކަމަކަށް ފާހަގަވީ އޭނާގެ އަތުގައި އޮންނަ ކެސިއޯ ބްރޭންޑުގެ ގަޑިއެވެ. ޖީކިއު މަޖައްލާއިން ސުވާލުކޮށް އަބަދު އެ ގަޑި އަޅަނީ ކީއްވެތޯ އެހުމުން މަމްދާނީ ޖަވާބުގައި ބުނެފައިވަނީ އެއީ އޭނާގެ އަންހެނުން ދީފާވާ އެއްޗެއް ކަމެވެ. ކެސިއޯ ބްރޭންޑަކީ އެންމެންވެސް ދަންނަ ކޮންމެ މީހަކަށްވެސް ގަނެލެވޭނެ ފެންވަރުގެ ’ޓައިމްލެސް‘ ބްރޭންޑެކެވެ.

ރާއްޖޭގެ ސިޔާސީވެރިން ލިބިގަންނަންވީ ފިލާވަޅަކީ ޕްރޮފެޝަނަލްކޮށް ފެނުމަށްޓަކައި އަގުބޮޑު އިޓަލީގެ ޑިޒައިނާ ބްރޭންޑްތައް ބޭނުންކުރުން މަޖުބޫރެއް ނޫންކަމެވެ. ފެންވަރުގެ، ނަމަވެސް އަގުހެޔޮ އާންމުންނާ ގުޅުން ހުރި ހެދުންތައް ބޭނުންކުރުމަކީ، ރައްޔިތުންގެ ހާލަތު ތިމާއަށް އިހުސާސްކުރެވޭކަން ހާމަކޮށްދޭ ކަމެކެވެ. މިއީ "ވެރިއެއް" ނުވަތަ "ބޮސްއެއްގެ" ބަދަލުގައި، ގާތް އަދި ވާހަކަ ދައްކާލެވޭ ފެންވަރުގެ ރަހުމަތްތެރިއެެއްގެ ސިފަ ގެނުވައިދޭނެ ގޮތެކެވެ. މި ސިފަޔަކީ ވެރިއެއްގައި ހުންނަން މުހިންމު ސިފައެއްވެސްމެވެ.

މީގެ އިތުރުންވެސް އަގު ބޮޑެތި މަޖައްލާތަކުން ނުވަތަ އިޝްތިހާރުތަކުން ފެންނަ ބްރޭންޑުތަކުގެ ކަސްޓަމް ސޫޓާއި ހެދުން އެޅުމަކީވެސް މުހިންކަމެއް ނޫނެވެ. ފަސޭހައިން އަތްފޯރާފަށުގެ ސޫޓެއް ވެސް ގަޔަށް ރަނގަޅަށް ހެޔޮވަރުކޮށް ހުންނަކަމަށްވަނީނަމަ އެ ނިމުނީއެވެ. ގިނައިން ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެންނަ ބޭފުޅުން ތިއްބަވަނީ މިއާ ހިލާފަށް ކޮނޑުމަތިންނާއި ގަޔަށް ހެޔޮވަރު ނުކޮށް ހުންނަ އަގު ބޮޑު ސޫޓު އަޅައިގެންނެވެ.
މީގެ އިތުރުން ރަސްމީ ދަތުރުތަކުގައި ނުގުޅޭ ގަމީސްފަދަ ހެދުން ލައިފައި ހުރުމުން މީހުންގެ މަލާމާތް ރައްދުވެ, އެ މުހިންމު ދަތުރުގެ މައިގަނޑު މަގުސަދު ފާޑުކިޔުންތަކުގެ ތެރެއަށް ގެއްލިގެން ދާތަން އެބަފެނެއެވެ. މަޖިލީހުގައި ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ވާހަކަފުޅު ދެއްކެވުމަށް ތެދުވެ ހުންނަވާއިރު އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން އެ ދައްކާ ވާހަކައިގެ ސީރިއަސްކަން ގެއްލިގެން ދިއުމަކީ މިފަދަ މައިދާނެއްގައި ލިބޭ ’ފެއިލިއާ‘ އެކެވެ.
އެހެންކަމުން އަގުބޮޑެތި ’ރޯލެކްސް‘ އަދި ’ޕަޓެކް ފިލީޕް‘ ފަދަ ބްރޭންޑުތަކުން އެއްޗެހި އަޅައި, އަގު ބޮޑު ހެދުން ލުމަކީ ވޯޓު ހޯދަން އުޅޭ މީހާއާއި ވޯޓުލާ މީހާއާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުންނަކަން އިހުސާސް ކުރުވާ ކަމެކެވެ. މިއަށްވުރެ މުހިންމީ ދެބައިމީހުންގެ ދެމެދުގައި ފަސޭހައިން މުއާމަލާތްކުރެވުމެވެ. އެހެންވާނަމަ ސިޔާސީ ބޭފުޅުންނަށް ގައުމުގެ މީހުންގެ އިހުސާސްތައް ދެނެގަނެވި ހިތްތިރިވެ "ކަނެކްޓުވާން" ފަސޭހަވާނެއެވެ.
ހަމައެހެންމެ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކުރާއިރު ވެސް ހެދުން އެޅުމުގައި ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭނަމަ އެއީ ގައިމުވެސް މީހުން ބަލައިގަންނާނެ ކަމެކެވެ.
މި ހުރިހާ މިސާލުތަކަކީ ވަރަށް ކުދި ކުދި ކަންކަމޭ ހީވިޔަސް ރައްޔިތުންގެ އިތުބާރާއި ވޯޓު ހޯދައި މި ގައުމުގެ ހާލަތާއި މީހުންގެ ވިސްނުން ދަންނަ ވެރިން ކަމުގައި ތެދުވެ ތިބެން ބޭނުންވާނަމަ ’ޔުނިފޯމް އޮފް ޕަވާ‘ނުވަތަ ބާރުވެރިކަން ރަމްޒުކޮށްދޭ ގޮތްގޮތަށް ހެދުންއެޅުމަށް ވުރެން, ’ޔުނިފޯމް އޮފް ޕީޕަލް‘ ނުވަަތަ ރައްޔިތުންނާ އެކީ ވާ ބައެއްގެ ގޮތުގައި ފެނުން މާ މުހިންމެވެ.