ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިގު ޝަރީފު, ނިޔާވެއްޖެ ކަމަށް ނިންމައި, އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފައި ވަނިކޮށެވެ.
އެއާއެކު، ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމުގައި އަމަލުކުރުމަށް އޮންނަ ގޮތާ ގުޅޭގޮތުން މިރޭ ސޯޝަލް މީޑިއާގައި މިނިސްޓަރު ވިދާޅުވީ މިފަދަ ޙާލަތުގައި މީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށް ކަމަށެވެ.
އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.
އަދި މި ފަދަ ހާލަތްތަކުގައި ގާޒީގެ ޙުކުމެއް އޮންނަންޖެހެނީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިސާލަކަށް ގެއްލިފައިވާ މީހަކުނަމަ އެ މީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެއެވެ. އެމީހުންނަކީ އޭނާގެ ވާރުތަވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހައި ކަމެއްގެ ޙުކުމްތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ،" ޝަހީމް ލިޔުއްވިއެވެ.
އެ ކަންކަމަކީ މަރާއެކު ޝަރުއީގޮތުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަންކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން މިސާލު ނަންގަވަމުން ޝަހީމް ވިދާޅުވީ އޭނާގެ އަނތްބަކުވާނަމަ، އެ އަންހެނާގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީ ކަމަށެވެ. އަދި ގެއްލުނު މީހާ ވެސް ވުޖޫދުން ނެތް މީހަކަށްވީ ކަމަށެވެ.
އަދި ގާޒީގެ ޙުކުމަށްފަހު، ދުވަސްތަކެއް ފަހުން އެ މީހާ އެނބުރި އަތުވެއްޖެނަމަ ވެސް، އެ ދެމެދުގައި ހިނގި ކަންކަމަށް ބަދަލު ނާންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
"އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތެވެ. ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ގާޒީއެވެ. ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީއެވެ،" ޝަހީމް ލިޔުއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ގާޒީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމަށެވެ.
އަދި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. އަންގާރަ ދުވަހު ވެސް ސިފައިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
comment ރަނާ
1 week 3 day ago
ޙޯދުން ހުއްޓާނުލިޔަސް އޭނާ ސަލާމަތުން ނުހުންނާނެ ކަމަށް ބެލެވެނީ ފަތަން ނުދަންނަ މީހަކު ލައިފް ޖެކެޓެއް ނެތް ސަލާމަތްވާން ބޭނުންކުރާނެ ފިލާގަނޑެއް ބޮއެއް ފަދަ އެއްޗެއްވެސް ނެތް ހާލަތުގައި ކަނޑުވީމަ. ދިރިހުންނާނެ ކަން ޔަގީން ނުވިޔަސް އިސްލާމް ދީނުގައި އެކަން އޮންނަ ގޮތެއް ބަލައި އެގޮތަކަށް ކަންތައް ކުރުން މުހިއްމު.