ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި ތަރައްގީކުރާ 13،000 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ހަމަޖެހިއްޖެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، މިއަދު "ސަން"އަށް ވިދާޅުވީ ފުރަތަމަ 5،000 ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ލޯނު ޗައިނާގެ ބޭންކަކުން ހަމަޖެހިފައިވާ ކަމަށެވެ.
"އެ ޕްރޮޖެކްޓަށް ބޭންކުން ލޯނު ދޭނެކަން އަންގައިދޭ ޓާމް ޝީޓެއް އަޅުގަނޑުމެންނަށް ލިބިއްޖެ،" ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މިވަގުތު އިކޮނޮމިކް ކައުންސިލަށް ބޭންކުން ދީފައިވާ ޓާމް ޝީޓް ހުށަހަޅާފައިވާ ކަމަށާއި، އެ ކައުންސިލުން ހުއްދަ ދޫކުރުމާއެކު މަޝްރޫއު އިއުލާނުކޮށް ސޮއިކުރާނެ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް: އޭނާ ވިދާޅުވީ، އެ ކުންފުނީގެ ތެރެއިން ކޮރަޕްޝަން ނުހިންގޭނެ ކަމަށް -- ސަން ފޮޓޯ
އެފްޑީސީން އަޅާ 13،000 ހައުސިން ޔުނިޓުގެ މަސައްކަތަކީ 100 ޕަސެންޓް 'ކޮންޓްރެކްޓާ ފައިނޭންސް' ޕްރޮޖެކްޓެކެވެ.
މީގެ ކުރިން އެ މަޝްރޫއާ ގުޅޭގޮތުން ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، ހުޅުމާލޭގައި މިހާރުވެސް އިމާރާތްކުރާ ގިނަ ހައުސިން މަޝްރޫއުތަކުގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތްކަމަށެވެ. ގިނަ ފަހަރަށް ޕާކުކޮށްލާނެ ތަނެއް ނޯންނަ ކަމަށާއި އެ ތަނެއްގެ ވަށައިގެން ކާރުތަކާއި ސައިކަލުތައް ޕާކުކޮށްފައި ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ 13،000 ހައުސިން ޔުނިޓު ތަރައްގީކުރާއިރު އެކަންކަމަށް ވިސްނައި، ޕާކިން އޭރިއާއާ އެކީ އިމާރާތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އެފްޑީސީން ތަރައްގީކުރާ 13،000 ހައުސިން ޔުނިޓު އެޅުމަށް ބޭރުގެ ތިން ކުންފުންޏަކާ އެއްކޮށް ފްރޭމް ވޯކް އެއްބަސްވުންތަކެއްގައި މިހާރު އޮތީ ސޮއިކޮށްފައެވެ.
އެގޮތުން އެ މަޝްރޫއު ތިން ބަޔަކަށް ބަހާލާފައިވާއިރު، އޭގެތެރެއިން 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާއެވެ. އަދި 3،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސްރީލަންކާގެ ކުންފުންޏަކާ އެއްކޮށް ސޮއިކޮށްފައިވާއިރު، ބާކީ 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމެއް ހެދީ ޗައިނާ ކުންފުންޏަކާ އެއްކޮށެވެ.