އޭސީސީއަށް ސެކްރެޓަރީ ޖެނެރަލެއް ނުލިބިގެން ތިންވަނަ ފަހަރަށް އިއުލާންކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: -- ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސެކްރެޓަރީ ޖެނެރަލެއް ނުލިބިގެން ތިންވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ކުރިން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުޙައްމަދު ސަލީމުގެ ދައުރު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހަމަވެފައެވެ.

އެހެންކަމުން އާ ސެކްރެޓަރީ ޖެނެރަލެއް ހޯދުމަށް އޭސީސީއިން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން 15 ޖެނުއަރީގައި ވެސް އެސްޖީއެއް ހޯދަން އިއުލާން ކޮށްފައިވެއެވެ. އެއަށް ފަހު މިއަދު އަނެއްކާ ވެސް މި ވަނީ އެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފައެވެ.

https://www.sun.mv/203597

ފަސް އަހަރުގެ މުއްދަތަކަށް އޭސީސީއަށް އެސްޖީއެއް ހޯދަނީ, މަހަކު 36,500 ރުފިޔާ ލިބޭ ގޮތަށެވެ.

މިއަދު ކުރި އިއުލާންގައި ބުނެފައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް މިނިވަންކޮށް ހިންގައި, ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ, އޭސީސީގެ މެންބަރުން މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ތެރޭގައި ކަމަށް އަބަދުވެސް ތުހުމަތުތައް ކުރެވެއެވެ. އަދި އޭރަކު އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭ ކަމަށް އެ ކޮމިޝަންގެ މައްޗަށް ތުހުމަތުތައް ކުރެވެއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މި ފަހުން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

https://www.sun.mv/204452

އެ މައްސަލަ ފުލުހަށް ހުށަހެޅީ, ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތު ކޮށެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް އޭސީސީ ހިންގުމަށް އަންނަނީ ހަރަދު ކުރަމުންނެވެ.

comment ކޮމެންޓް