ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި އިމާރާތެއް މި މަހުގެ 17ގެ ކުރިން ހުސްނުކުރެވިއްޖެ ނަމަ، އެ މަޝްރޫއު ކުރިއަށްގެންދާ، އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ، ގަމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ޓަކައި ހުސްކުރަން ބޭނުންވާ އިމާރާތަކީ، އަދި އެ އިމާރާތް ހުރި ބިމަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާތީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއާ އެ ތަން ވަނީ ހަވާލު ނުކުރެވިއެވެ.
މުއްތަލިބު ވިދާޅުވީ މި ކަމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ، ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ، އެ ޢިމާރާތް ހިމެނޭ ސަރަހައްދު، މަޝްރޫއިން އުނި ކުރުމަށް އަންގާފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު
"މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ." މިނިސްޓަރުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އިތުރަށް މުއްތަލިބު ވިދާޅުވީ، މިމަހު 17ގެ ކުރިން މި ކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ބިން ހުސްނުކުރެވި މި މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، އެ އިމާރާތް ހުސްކުރެވި، ކޮންޓްރެކްޓަރާ ވީހާ ވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023ވަނަ އަހަރު ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއު ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، 455.8 މިލިއަން ރުފިޔާ މަސައްކަތަށް ހޭދަވާނެ ކަމަށް އޭރު ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތަކާއި، އާ ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެއެވެ.