އައްސަފާ ޕްރައިވެޓު ލިމިޓެޑުގެ ހަވާލުގައި އުމްރާއަށް ދިޔަ މުސްކުޅި ދެމަފިރިއަކު ނުލައި ރާއްޖެ އަންނަންޖެހުނީ އެ ދެމަފިރިން ފަރުވާކުޑަވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މި މައްސަލަ ފެންމަތިވީ އިއްޔެއެވެ.
މި ކަމާ ގުޅިގެން އައްސަފާ ކުންފުންޏަށް ފާޑުކިޔުން އަމާޒުވަމުންދަނިކޮށް، އެ ކުންފުނީގެ ފަރާތުންވަނީ ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް ބަޔާނެއް ނެރެފައެވެ.
ހޮނިހިރު ދުވަހުގެ ފްލައިޓުން މާލެ ނާދެވުނީ އަބްދުﷲ ނަސީމާއި ޒުހެއިރާ ގާސިމަށެވެ.
މާލެ ނާދެވުނު އެ ދެމަފިރިންގެ ދަރިފުޅު، ރޭ "ސަން"އާ ވާހަކަ ދައްކަމުން ބުނެފައިވަނީ ސަފާ ކުންފުނިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް، ބޯޑިންވާން އެ މީހުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ މީހުންނަށް ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ތައްޔާރުވެ، ގޭޓު ބަންދުކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އޭރު އެ ގްރޫޕުގެ ވެރިން ވެސް އެއާޕޯޓުގައި ތިބި ކަމަށާއި، ބަޔަކު ނުލައި ދެވޭކަން އެ މީހުންނަށް ނޭނގޭ ކަމަށެވެ.
އައްސަފާއިން ނެރުނު ބަޔާނުގައިވަނީ މާލެ ނާދެވުނު ދެމަފިރިންނަކީ އެ ކުންފުނިން ހަމަޖައްސަންޖެހޭ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވީ ނަމަވެސް، ފުރާގަޑި ޖެހުނުއިރު ބޯޓަށް އަރާފައިނުވާ ދެ މީހުން ކަމަށެވެ.
އެ ދެ މީހުން ވެސް ޖިއްދާއަށް ގެންގޮސް، ލަގެޖުތައް ކިރުވައި، ޒަމްޒަމް ފެންދީ، ބޯޑިން ހަމަޖައްސައި، އަދި އިމިގްރޭޝަނުގެ ކަންކަން ނިންމުމަށްފަހު ޑިޕާޗާ ހޯލަށް ވެއްދުމުން ވެސް އެ ދެ މީހުން ބޯޓަށް އަރާފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
"އެ ދެ މީހުންނަކީ މަދުވެގެން އެތައް ފަހަރަކު އިއުލާންކޮށް ވެސް، އަދި ފައިނަލް ކޯލުގައި ވެސް ބޯޓަށް އަރާފައި ނުވާ ދެ މީހުންނެވެ. އެހެން ހުރިހާ ހާޖީން ބޯޓަށް އެރިއިރު ވެސް މި ދެ މީހުން ބޯޓަށް އަރާފައި ނުވަނީ އެ ދެ މީހުންގެ ފަރުވާކުޑަކަމުން ކަމުގައި ދެކެމެވެ." ސަފާއިން ނެރުނު ބަޔާނުގައިވެއެވެ.
އަދި ކުންފުންޏާއި، ވިސާ އޭޖެންޓާއި، ސައުދީ އަރަބިއްޔާގެ އެމްބަސީއާ ގުޅިގެން މަސައްކަތްކޮށްގެން އެ ދެ މީހުން ހޯދުނުއިރު ފްލައިޓުވަނީ ފުރާފައި ކަމަށް ބުންޏެވެ. މި ކަމުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފުރިވާ ފަރާތްތަކުގެ ކަންކަން ހަމަޖެއްސުމަށާއި އަލުން ފުރުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ މައްސަލައިގެ ސަބަބުން ކުންފުނީގެ ވެރިފަރާތާއި އޭނާގެ އަނބިމީހާއަށް ވެސް ނުފުރުނު ކަމަށް ބަޔާނުގައިވެއެވެ.
އެހެން ނަމަވެސް އެ ދެމަފިރިންގެ ދަރިފުޅު ކިޔައިދިން ގޮތުގައި އެ މީހުން ހޮނިހިރު ދުވަހު ހެނދުނު އެއާޕޯޓަށް ދިޔަ ގޮތަށް އެނބުރި އެކޮމޮޑޭޝަނަށް ދެވުނީ އެރޭ ލަސްކޮށެވެ. އޭނާ ބުނި ގޮތުގައި އެ މީހުން ހޮޓެލްއެއްގައި ތިބީ އަމިއްލަ ޚަރަދުގައެވެ. އެހެން ނަމަވެސް ސައުދީ އެމްބަސީން ވަރަށް ބޮޑު އެހީތެރިކަމެއް ދިންކަން އޭނާ ފާހަގަ ކުރިއެވެ.
އެ ދެ މީހުން ފުރުވާލުމަށް ޓަކައި އެއާލައިނާ ގުޅައިގެން އެންމެ އަވަހަށް ހަމަޖެހުނީ ހޯމަ ދުވަހުގެ ހެނދުނު އަދި ހަވީރުގެ ފްލައިޓެވެ. ދެމަފިރިން ވަކި ދެ ފްލައިޓެއްގައި މާލެ އައުމަށް ސަފާ ކުންފުނިން މިހާރު ހަމަޖައްސާފައިވާއިރު، އެ ދެ ފްލައިޓުގައި ވެސް އެ ކުންފުނީގެ އިތުރު އުމްރާވެރިންނާއި ކުންފުނީގެ ވެރިން ވެސް ދަތުރުކުރާނެ ކަމަށް ބުނެފައިވެއެވެ.
އަލްސަފާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގެންދިޔައީ 192 މީހުންނެވެ.
އޭގެ ތެރެއިން 144 ހައްޖާޖީން މާލެ އައުމަށް ހަމަޖެހިފައި އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ 08:00ގެ ފްލައިޓުންނެވެ. ބާކީ 48 މީހުން އައުމަށް ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގެ 06:00ގެ ފްލައިޓުންނެވެ.