އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު ނުލައި, އުމްރާވެރިން ގޮވައިގެން އެ ގްރޫޕުން ރާއްޖެ އައި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އެ މީހުންގެ ދަރިފުޅު ބުނީ ރާއްޖެ ނާދެވި އެއާޕޯޓުގައި ތާށިވީ އޭނާގެ މަންމައާއި ދޮން ބައްޕަ ކަމަށެވެ.
ސަފާ ގްރޫޕުގެ ހަވާލުގައި އެ މީހުން އުމްރާއަށް ފުރީ މިދިޔަ މަހު 28ވަނަ ދުވަހު ކަމަށާއި، މިއަދު ހެނދުނު އެނބުރި މާލެ އައުމަށް ހަމަޖެހިފައި އޮތް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް، ބޯޑިންވާން އެ މީހުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ މީހުންނަށް ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ރެޑީވެ، ގޭޓު ބަންދުކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އޭރު އެ ގްރޫޕުގެ ވެރިން ވެސް އެއާޕޯޓުގައި ހުރި ކަމަށާއި، ބަޔަކު ނުލައި ދެވޭކަން އޭނާއަށް އެނގިފައި ނުވާކަމަށެވެ.
"އެ ކޮޅު އެއާޕޯޓު ތެރޭގައި ވެސް ވާންވީ ގޮތެއް އެއްވެސް ވަރަކަށް ނޭނގުނު، މުސްކުޅި ދެމަފިރިން. ފްލައިޓުގައި ފުރައިގެން ދިޔައިރު ވެސް އެ ބޭފުޅުންނަކަށް ނުވެސް އެނގޭ ބަޔަކު މަދު ކަމެއް ވެސް. ދެން މަންމަ ފަހުން ގްރޫޕުގެ ބޮޑުމީހާއަށް ގުޅީ" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ގްރޫޕާ ގުޅައިގެން ދެން އެންމެ އަވަހަށް އޮތް ފްލައިޓަކުން އެ ދެމަފިރިން ރާއްޖެ ގެނައުމަށް މަސައްކަތް ފެށި ކަމަށެވެ. އެހެން ނަމަވެސް ކަންތައް ކުރަންޖެހޭ ގޮތް އެ ގްރޫޕުގެ ފަރާތުން އޮޅުންފިލުވައި ނުދިން ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ސައުދީ އެމްބަސީއަށް ގުޅުމުން އެ ތަނުން އެހީތެރިކަން ދިން ކަމަށަމަށާއި މިއަދު ހެނދުނު އެއާޕޯޓަށް ދިޔަ އެ ދެ މީހުންނަށް އެނބުރި އެ މީހުން ތިބޭ ހޮޓެލްއަށް ދެވުނީ ރޭގަނޑު ވަރަށް ލަސްވި ފަހުން ކަމަށް އޭނާ މައުލޫމާތު ދިނެވެ. އެ މީހުން މި ވަގުތު ހޮޓެލްގައި ތިބީ އަމިއްލަ ޚަރަދުގައެވެ.
އޭނާ ބުނީ އަންނަ ހޯމަ ދުވަހު އެ ދެމަފިރިން ރާއްޖެ ގެނައުމަށް ސަފާ ގްރޫޕުން ޓިކެޓު ހަމަޖައްސައިދީފައިވާ ކަމަށެވެ. ޖާގަ ލިބުނީ ވެސް ދެމަފިރިންނަށް ވަކިން ދެ ފްލައިޓަކުންކަން އޭނާ ފާހަގަކުރިއެވެ.
"ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް، އެ މީހުންނަށް އިނގެންވާނެތާ ފްލައިޓުގައި މީހަކު މަދިއްޔާ ގްރޫޕުން މީހަކު މަދުކަން ވެސް" އެމީހުންގެ ދަރިފުޅު ބުންޏެވެ.
މި ކަމުގައި އެ ގްރޫޕުގެ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ބަހެއް ހޯދަން ސަފާ ގްރޫޕަށް ގުޅައި މެސެޖު ކުރި ނަމަވެސް، އަދި ބަހެއް ލިބޭގޮތެއް ނުވެއެވެ.