ޑިޑީ އާ ދެކޮޅަށް އިތުރު ދައުވާތަކެއް އުފުލައިފި

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް ޕްރޮސެކިއުޓަރުން އިތުރު ދައުވާތަކެއް އުފުލައިފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށް ފަހު އެ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.

ޑިޑީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފައެވެ. އެމެރިކާގެ މެންހެޓަންގައި ހުންނަ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ތިން މައްސަލައަކާ ގުޅޭގޮތުން ކޯޓު އަޑުއެހުމުގައި ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭގެތެރޭގައި ޓްރެފިކިންގެ މައްސަލަތައް ހިމެނެއެވެ.

މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ކޯޓަށް ހާޒިރު ކުރުމަށް އަދިވެސް ދުވަސްތަކެއް އޮތް އިރު ކޯޓުން ދާދިފަހުން އޭނާ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އަލަށް އުފުލި ދައުވާގައި ހިމެނެނީ އިތުރު މީހަކު ޓްރެފިކް ކުރި މައްސަލައަކާއި ހަށި ވިއްކުމަށްޓަކައި ޒުވާނެއް ގަދަ ކަމުން އޭނާގެ އުޅަނދެއްގައި ގެންދިޔަ ކަމުގެ މައްސަލައެވެ.

މީގެ ކުރީން ކޮށްފައިވާ ތުހުމަތުތަކަށް ޑިޑީ ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ހެއްކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ޑިޑީގެ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 13ގައެވެ. މިވަގުތު އޭނާ ހުރީ ނިއުޔޯކްގައި ހުންނަ ޑިޓެންޝަން ސެންޓަރުގައެވެ. އަޑުއެހުންތައް ފެށެންދެން އޭނާ ހުންނާނީ މި ސެންޓަރުގައި ކަމަށް ވަކީލުން ހާމަކޮށްފައިވެއެވެ.

ތަފާތު އެކި މައްސަލަތައް އެއްވެ, މިހާރު ވެސް ޑިޑީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 40އާ ގާތް ކުރެއެވެ.

ޑިޑީއާ ދެކޮޅަށް ފެންމަތިވަމުންދާ އެކި މައްސަލަތަކުގައި ހޮލީވުޑްގެ ބޮޑެތި ތަރީންނާއި ދުނިޔޭގެ މަހުޖަނުން ބައިވެރިވާ ކަމަށް ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ވާހަކައެއް ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ހުރީ ނިއުޔޯކްގެ ބްރުކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި, ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި އެތައް ފަހަރެއްގެ މަތީން ޑިޑީގެ ވަކީލުންގެ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެންމެ ފަހުން ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އެ ހުށަހެޅުން ވެސް ވަނީ ކޯޓުން ބާތިލުކޮށްފައެވެ.

comment ކޮމެންޓް