އއ. ހިމަންދޫ ފަޅުގައި އޮތް ލޯންޗެއް އަނދައި އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނީ ރޭ 5:50 ކަންހާއިރު ހިނގި އެ ހާދިސާގައި އަނދާފައި ވަނީ "ކައެލް ވިންގް" ކިޔާ ލޯންޗެއް ކަމަށެވެ.
އެ ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަންއާއި ދެ ކުރޫއިންގެ އިތުރުން ކުޑަކުއްޖަކު ހުރި ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ކުރޫއިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިއަދު ހެނދުނު 6:26 ކަންހާއިރުއެވެ.
މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދި ލޯންޗު ވަނީ އެ ރަށު ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.