ޓްރެއިލާ ނެރުމާއެކު ފްލޮޕަކަށް ވާނެ ކަމަށް ބުނި ބިރުވެރި އަދި ކޮމެޑީ ފިލްމު "މޭގަން"ގެ ދެވަނަ ބައެއް ނެރުމަށް ތައްޔާރުވެ ފިލްމުގެ ފުރިހަމަ ތީމަށް ބަލައި ޓްރެއިލަރު އާންމުކޮށްފިއެވެ.
ތަފާތު އެކި ކަހަލަ ކޮންސެޕްޓްތަކަށް ބިރުވެރި ފިލްމު އުފެއްދުމަށް މަޝްހޫރު ޖޭމްސް ވާންގެ އާ ފިލްމު މޭގަން ނެރެފައިވަނީ 2023ވަނަ އަހަރެވެ. ފިލްމުގެ ޓްރެއިލާ ނެރުނު އިރު ގިނަ ބަޔަކު ހީކުރަނީ މި ފިލްމު ވާނީ ބޮޑު ފްލޮޕަކަށެވެ. ނަމަވެސް ފިލްމު އެޅުވުމާއެކު ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. ފޭނުން ހީކުރި ވަރަށް ވުރެ ފިލްމު މާ މޮޅެވެ.
ފިލްމު ރިލީޒްކުރާ ތާރީހު ކައިރިވަމުން އަންނައިރު ދާދިފަހުން ވަނީ ފިލްމުގެ ދެވަނަ ބައިގެ ފުރިހަމަ ޓްރެއިލަރެއް އާންމުކޮށްފައެވެ.
އަލަށް ނެރުނު ފިލްމުގައި މޭގަން ކެރެކްޓަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް އިޝާރާތް ކޮށްފައިވާއިރު ފިލްމުގައި އެކްޝަންގެ ބައިވެސް ބޮޑު ވާނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.
މިފަހަރު މޭގަންގެ ކެރެކްޓަރު ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް ޕްލޮޓުލައިނުން އެނގެއެވެ. އެގޮތުން އެންމެ ފަހުން ޕްލޮޓްލައިނުން އެނގޭ ގޮތުގައި މޭގަން މިފަހަރު ކުޅޭނީ ރަނގަޅު ބައެވެ. އަދި އެއާއެކު މޭގަން މަސައްކަތް ކުރާނީ މުޅި ދުނިޔެ ސަލާމަތް ކުރާށެވެ.
"މޭގަން 2.0" ކިޔާ ފިލްމުގައި މޭގަންގެ ރޯލުން ފެންނާނީ އެލިސަން ވިލިއަމްސްއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެނިގެންދާނީ އޭމީ ޑޮނާލްޑް އާއި ޖެނާ ޑޭވިސް އާއި އިވާނާ ސާކޯ އަދި ބްރާޔަން ޖޯޑަން އަލްވާރޭޒް އާއި ޓިމް ޝާޕް އެވެ.
ޓްރެއިލާގައި ހާމަކޮށްފައިވާ ގޮތުގައި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 27ގައެވެ.
އާންމުކޮށް ފެންޓަސީ އަދި ސުޕަނެޗުރަލް ބިރުވެރި ފިލްމު އުފައްދާ ވާން މިފަހަރު ތައްޔާރުކުރީ ސައިފައި ބިރުވެރި ފިލްމެކެވެ. މޭގަންގެ އޮރިޖިނަލް ފިލްމުގައި ސައިންޓިސްޓެއް ކަމަށްވާ ޖެމާ އޭނާގެ ދަރިފުޅުގެ ހާލަތު ރަނގަޅަށް ބަލައި އޭނާއަށް އެކުވެރިއެއް ހޯދައިދިނުމަށް އާޓިފިޝަލް އިންޓެލިޖެންސް ބުދެއް އުފައްދައެވެ.