ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށައިފި

ދަރިވަރުންތަކެއް -- ސަން ފޮޓޯ

މިފެށޭ ދިރާސީ އާ އަހަރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ ފޮތްތައް މިނިސްޓްރީން ފޮނުވަން ފަށާފައި ވާއިރު، ސޯޝަލް މީޑިއާ އާއި ސްކޫލް ގުރޫޕުތަކުގައި ވެސް ބައެއް ބެލެނިވެރިން އަންނަނީ ފޮތް ލިސްޓު ހަމަނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ދަރިވަރުންގެ ޓެކްސްޓް ފޮތްތަށް ނުލިބޭތީއާއި ފޮތަތަކަށް ސެލޯފިން ލައްވައި ތައްޔާރުކުރުމުގެ ކަންކަން ނުކުރެވޭތީ އެ ބެލެވެރީން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ގްރޭޑް ހަތަރަކާ ފަހެއްގެ ފޮތްތައް ނޫނީ ހުރިހާ ގްރޭޑުތަކެއްގެ ފޮތްތައް އަތޮޅުތެރޭ ސުކޫލުތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެ ފޮތްތައް ވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ފޮނުވާ ނިމޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޭގެ ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިންމާފައި ވާކަމަށެވެ.

ސުކޫލު ހުޅުވުމުގެ ކުރިން ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ދީފައެވެ.

https://sun.mv/204298

އަންނަ ހަފުތާގައި ފަށާ ދިރާސާ އަހަރު އަންނަ ޑިސެމްބަރު މަހުގެ 25އަށް ނިމެނޭއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ ޖަނަވަރީ 27ގައެވެ.

ދިރާސީ އަހަރު ޖަނަވަރީ މަހު ފަށާ ގޮތަށް ބަދަލު ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް