އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ފުލަމް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ.
މި މެޗުގައި އާސެނަލުން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ އިރު ފުލަމް ވެސް ފެނިގެންދިޔައީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ޑިފެންޑް ކުރުމާއެކު ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މި
ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް އާސެނަލަށް މުހިންމު ލަނޑު ތަކެއް ޖަހައިދެމުންގެންދާ މިކޭލް މެރީނޯއެވެ. ނަމަވެސް އާސެނަލުން މިލަނޑު ޖެހުމުގެ ކުރިން އެ ޓީމުގެ އިތުބާރު ޑިފެންޑާ ގެބްރިއެލް މަގަލާއޭސްއަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނުތަން ފެނިގެންދިޔައެވެ.
މި މެޗުގައި އާސެނަލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން 101 ދުވަސް ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބުކާޔޯ ސާކާއެވެ.
މި މެޗުގައި ފުލަމްއިން ހިތްވަރު އެލުވާނުލާ ކުޅެމުންދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލަނޑެއް ޖަހާ ތަފާތު ކުޑަކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރޮޑްރިގޯ މުނީޒްއެވެ.
މި ލަނޑު ޖެހުމުގެ ކުރިން ވެސް އޭނާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.
މި ކާމިޔާބީ އާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ކުޅުނު 30 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިހާރުވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފައެވެ.
ލީގުގައި އާސެނަލަށް މިހާރު ބާކީ އަށް މެޗު އޮތްއިރު އަދިވެސް އެ ޓީމުގެ ކުޅުންތެރިން ލީގަށް ކުރާ އުންމީދު ދޫކޮށްނުލާކަން ހާމަކުރަމުންދެއެވެ. މި މެޗުން ބަލިވުމުން ފުލަމް މިހާރު އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.