ބޮޑު ބަޖެޓަކުން ކަރަން އުފައްދާ ޓްރިލޮޖީ އަކަށް ކާތިކް

ފިލްމު ޕްރޮޑިއުސަރު މަހާވީރު ޖެއިން، ކަރަން ޖޯހަރު އަދި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބޮޑު ބަޖެޓަކުން އުފައްދާ ކޮމެޑީ ޓްރިލޮޖީ ފިލްމުގެ ލީޑް ތަރީގެ ރޯލް އެކްޓަރު ކާތިކް އާރްޔަންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކަރަންއާ އެކު ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުން ފެން މަސައްކަތް ކުރާނީ މަހާވީރު ޖެއިންއެވެ. ކަރަންގެ އިތުރު ފިލްމަކަށް ކާތިކް ގެންނަން ނިންމާފައިވާއިރު އެކްޓަރު ވަނީ ކަރަންގެ ދަރުމާ ކުންފުނިން ގެނެސްދޭ ކޮމެޑީ ފިލްމު "ތޫ މެރީ، މޭ ތެރާ، މޭ ތެރާ ތޫ މޭރީ"އަށް ވެސް ސޮއިކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އަލަށް އިއުލާނުކުރި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ ފިލްމު "ފުކްރޭ"ގެ ޑައިރެކްޓަރު މްރިކްދީޕް ސިންގް ލަމްބާއެވެ.

ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ މި ފިލްމު ޕްރީ ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު ފިލްމުގައި މަސައްކަތް ކުރާ ބަތަލާއިންނަކީ ކޮންބައެއްކަން އަދި އިއުލާނު ނުކުރެއެވެ. މީގެކުރިން ވެސް ހެއްވާ މަޖާ ކޮމެޑީ ރޯލްތަކުން ކާތިކް ފެނިފައިވާއިރު މިއީ ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކާތިކް ފިލްމު ޑައިރެކްޓަރު ކަބީރު ޚާންއާ އެކު--ފޮޓޯ/ފޭސްބުކް

ކާތިކް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޗަންދޫ ޗެމްޕިއަން" އަދި "ބޫލް ބުލައްޔާ 3"އިންނެވެ.

މީގެތެރެއިން ފިލްމު "ޗަންދޫ ޗެމިޕިއަން"އަށް ބޮކްސް އޮފިހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައި ނެތްއިރު ފިލްމު "ބޫލް ބުލައްޔާ 3"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނެވެ. ކާތިކް އަންނަނީ ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް