މާމެންދޫގެ އިހުތިސާސްގައި ހުޅިމެންދޫ ހިމަނައިފި

ގއ. މާމެންދޫ: އެ ރަށު އިހުތިސާސްގައި ހުޅިމެންދޫ ވަނީ ހިމަނާފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. މާމެންދޫގެ އިހުތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހިމަނުއްވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން ރައީސަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިން މިއަދު ނެރުއްވި ގަރާރެއްގައެވެ.

ހުޅިމެންދުއަކީ މީގެ ކުރިން ފަތުރުވެރިކަމަށް ދޫކުރަން ވެސް އިއުލާނުކުރި ރަށެކެވެ.

ރައީސް މުއިއްޒު ޖަނަވަރީ މަހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާމެންދޫ ކައުންސިލުން ވަނީ އެ ރަށަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދޭން އެ ރަށުގެ އިހުތިސާސްގައި ހުޅިމެންދޫ ހިމަނުއްވައިދެއްވަން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ހއ. ކެލާ ފަޅުގައި ދެ ރިސޯޓު ހަދަން އެ ރަށުގެ އިހުތިސާސަށް ވެސް ބަދަލު ގެންނަވާފައެވެ. އެ ގޮތުން، ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އެ ރަށު ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރަން ނިންމަވާފައެވެ.

އެކަމަކު، މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

https://sun.mv/204204

ރައީސް މުއިއްޒު ގެންދަވަނީ ރަށްރަށުގެ އިހުތިސާސްގައި އެ ރަށްރަށުގެ މީހުންނަށް ބޭނުންވާ ކަންކަން ކުރަން ފަޅު ރަށްތައް ހިމަނުއްވަމުންނެވެ. އެ ގޮތުން، ގިނަ އަދަދެއްގެ ފަޅު ރަށްތައް އެކި ރަށްރަށުގެ އިހުތިސާސްގެ ދަށަށް މިހާތަނަށް ބަދަލުކޮށްފައިވެއެވެ.

ރަށްރަށުގެ އިހުތިސާސްގައި ފަޅު ރަށްތައް ހިމަނުއްވައިދެއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ.

ކައުންސިލްތަކަށް ރަށްތައް ހަވާލުކުރެވުމުން އެ ކައުންސިލްތައް ބާރުވެރިކުރުވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް