60،000 ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު މާމެންދޫއިން ހައްޔަރުކޮށްފި

ގއ. މާމެންދޫގެ ގެސްޓު ހައުސްއަކާއި ސިއްހީ މަރުކަޒުގެ ބޭސްފިހާރައިން 60،000 އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ޢަންދަލީބުގެ، އުމުރުން 42 އަހަރުގެ އަޙްމަދު ސަޢުދު އާއި އެ ރަށު ސަންލައިޓްވިލާ، އުމުރުން 33 އަހަރުގެ ޙަމްދޫން ޙަސަންއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ސަޢުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޙަމްދޫން ޙަސަންގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

މާމެންދޫގައި ހިންގި މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފެށި ތަހުގީގުގެ ތެރެއިން، ތުހުމަތުކުރެވޭ މީހުން ހޯދައި، އެ މީހުން ވަގަށްނެގި ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

ގެސްޓު ހައުސްއިން ވަގަށްނަގާފައިވާ ތަކެތީގެ ތެރޭގައި މެކްބުކް ސާފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓެއްގެ އިތުރުން ގޯޕްރޯއަކާއި ކެނޮން ކެމެރާއެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ބޭސްފިހާރައިން ފައިސާއާއި އެހެނިހެން ބައެއް ތަކެތި ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް