އިނިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ކެންސަރުގެ ފަރުވާއަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

އުމުރުފުޅުން 76 އަހަރުގެ ޗާލްސްއަށް ކެންސަރު ޖެހިފައިވާކަން، ރަސްގެފާނުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލެސްއިން އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހެވެ. ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ ޕްރޮސްޓޭޓް ދުޅަވެގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އެ ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ ޗާލްސް އެޑްމިޓްކުރީ ކެންސަރުގެ ފަރުވާ ދިނުމަށް ފަހު އާންމުކޮށް ދިމާވާ ސިއްޚީ މައްސަލައެއްގައި ކަމަށް ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި، ފަރުވާއަށް ފަހު މިހާރު ގެކޮޅަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ހޮސްޕިޓަލަށް ވަޑައިގެންނެވީ ކާރުކޮޅުގައި ކަމަށާއި އަނބިކަނބަލުން ރާނީ ކެމީލިއާ ވެސް އަރިހުގައި ވަޑައިނުގަންނަވާ ކަމަށް ޝާހީ ގަނޑުވަރުގެ ބަޔާނުގައިވެއެވެ.
އެޑްމިޓް ކުރެއްވުމާ ގުޅިގެން އިއްޔެ މެންދުރުފަހު ބޭއްވި، ތިން ގައުމެއްގެ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތާއި، މިއަދު ޝަހީ ގަނޑުވަރުގައި ބާއްވަން ހަމަޖެހިފައިވާ ހަތަރު ބައްދަލުވުމެއް ކެންސަލް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް ގަނޑުވަރުގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އިނގިރޭސި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ރަސްގެފާނު ޗާލްސް، އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތް ނަމަވެސް، ރަސްމީ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ގަނޑުވަރުގެ ބަޔާނުގައިވެއެވެ. އަދި، ކެންސަރުގެ ބަލީގެ ފަރުވާ ހޯއްދަވަމުން އަންނައިރު، ހާލުކޮޅު ރަނގަޅު ކަމަށް ބަޔާނުގައިވެއެވެ.
އަންނަ މަހު އިޓަލީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އަޅުވައި، ތަޚުތުގައި ރަސްމީކޮށް ވެޑުވީ މިދިޔަ އަހަރުގެ މެއި މަހުގެ ހަޔެއްގައެވެ. އެއީ، މަންމާފުޅު ރާނީ އެލިޒަބެތު ދެވަނަ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.
ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އިއުލާނުކުރެއްވިތާ މާ ގިނަ ދުވަސްތަކެއްނުވެ، އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް، ކޭޓް މިޑްލްޓަންއަށް ވެސް ކެންސަރުޖެހިފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. ސާޅީސް ތިން އަހަރުގެ ކޭޓަކީ ޗާލްސްގެ ދޮށީ ދަރިކަނލުން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުންނެވެ.
ކޭޓްގެ ހާލު ރަގަޅު ކަމަށާއި މަޑުމަޑުން ރަސްމީ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަމުން އަންނަ ކަމަށް ޖެނުއަރީ މަހު ކޭޓް ހާމަކުރައްވާފައިވެއެވެ.