މާލޭގައި ގޮވާމުން ޒަކާތް ބެހުން ހަފުތާ ބަންދުގައި

ގޮވާމުން ޒަކާތް ބަލައިގަތުން: މާލޭގައި ގޮވާމުން ޒަކާތް ބެހުން ހަފުތާ ބަންދުގައި ކުރިއަށްދާނެ -- ފޮޓޯ/ ޒަކާތު ހައުސް

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާ ބަންދުގައި ކުރިއަށްގެންދާނެ ކަމަށް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.

ޒަކާތު ހައުސްއިން ނެރުނު އިއުލާނެއްގައިވަނީ ގޮވާމުގެ ބާވަތްތައް ބަހާނީ މާލޭ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ.

އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްކަންދަރު ސްކޫލުގައެވެ. އެގޮތުން ހުކުރު ދުވަހު 14:00އިން 16:30އަށް އަދި 21:30އިން 23:00އަށް އެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު 10:00އިން 12:00އަށް އަދި 13:00އިން 15:00އަށް ވެސް ގޮވާމުގެ ބާވަތްތައް ބަހާނެއެވެ.

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

https://sun.mv/204045

ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ވިހި ދުވަހު ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް