މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ ކެމްޕޭންތަކެއް ފަށަން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސް ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކެމްޕެއިންގެ މަގުސަދަކީ އެލްއެފްސީގެ މަގްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ކެމްޕެއިންގެ ދަށުން 100އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންޑަގްރައުންޑްގައި ވެސް އިޝްތިހާރުކޮށް، ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، އެ ކެމްޕެއިން ގާތްގަނޑަކަށް 76 މިލިއަން މީހުންގެ އޯޑިއަންސަކާ ހަމައަށް ފޯރާނެކަމަށް ބެލެވޭ ކަމަށާއި، އެ ކެމްޕެއިންގެ ޒަރިއްޔާއިން އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާވާނެ ދާނެކަމަށެވެ.
އިނގިރޭސިވިލާތުގެ އިތުރުން ވިޒިޓް މޯލްޑިވްސިއިން އަންނަނީ ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ގައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާއެކު ޓާގެޓްޑް ކެމްޕޭންތަކެއް ހިންގުމަށް ރާވަމުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ ކެމްޕޭންތަކެއް:ޕޮޓޯ/އެމްއެމްޕީއާރުސީ/ވިޒިޓް މޯލްިވްސް
އެ ކުންފުނިން ބުނީ، 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ.
އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
މީގެ އިތުރުން މި ކެމްޕޭންގައި ޖުމްލަ 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، އަހަރަކު އިނީޝިއަލް އިންވެސްޓްމަންޓަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ރިޓާން އޮން އިންވަސްޓްމަންޓް (އާރްއޯއައި) ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، މި ކެމްޕެއިންގައި ތަފާތު ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭކަމަށެވެ. އޭގެ ތެރޭގައި:
- ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ޚާއްސަ ހަރަކާތްތައް
- އިންޓަރެކްޓިވް ފޭން ޒޯން ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތައް
- އެހެނިހެން އެންގޭޖިން ހަރަކާތްތައް
އެމްއެމްޕީއާރުސީން ބުނީ ވިޒިޓް މޯލްޑިވްސްއިން މީގެ ކުރިން މާރިޗު މަހު ބާލިންގައި ކުރިޔަށް ގެންދިޔަ އައުޓްޑޯ އަދި ޓެކްސީ އިޝްތިހާރު ކެމްޕެއިންތަކަށް އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.
އެ ކުންފުނިން ބުނީ އެ ކުންފުންޏަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދީ، ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިތްގައިމު ރީތިކަން އިޝްތިހާރުކޮށް ރާއްޖެއަކީ އެންމެ ބޮޑު ޓްރެވެލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ޚާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭއަކީ ލީޑިން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ މަސައްކަތްތަކުގެ ދަށުންކުރިޔަށްދާ ކެމްޕެއިނެއް ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ އަގު ވަޒަންކޮށް، ދަތުރުފަތުރުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ ދެމެހެއްޓުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.