ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑުކޮށްފިއެވެ.
ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ކަސްޓަމްސްއިން ހުށަހަޅައިގެން، ފުލުހުން އަންނަނީ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ:
- މ. ސިލްވާނެސްޓް، އަހުމަދު އަފްސަލް
- ދަފުތަރު ނަންބަރު ރސ. 14358، ޔޫސުފް ނަޒީރު (ފުލުސް މީހާ)
އެކަމަކު، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު ވަނީ، މުސާރަ ނުލިބޭ ގޮތަށް އިއްޔެއިން ފެށިގެން ސަސްޕެންޑުކޮށްފައި ކަމަށެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އަދި، ވޭޕް ވެސް މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.
އެކަމަކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ އެކު 'ވަގަށް' އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.