Ooredoo
Dhiraagu

މައިލީ ދެން ނެރޭ އަލްބަމް ފިލްމެއްގެ ގޮތުގައި

ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މައިލީ ސައިރަސް ފިލްމެއްގެ ގޮތުގައި މިއުޒިކް އަލްބަމެއް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ADK GENERAl

މައިލީ ސޯޝަލް މީޑިއާގައި ވަނީ ދާދި ފަހުން އޭނާގެ އާ ސްޓޫޑިއޯ އަލްބަމް އިއުލާނުކޮށްފައެވެ. މައިލީ ދާދިފަހުން އިއުލާނު ކޮށްފައިވަނީ އޭނާގެ ނުވަވަނަ ސްޓޫޑިއޯ އަލްބަމް "ސަމްތިން ބިއުޓިފުލް"އެވެ. މި އަލްބަމަކީ މައިލީ އަމިއްލައަށް ޕްރޮޑިއުސްކޮށް ތައްޔާރުކޮށްފައިވާ އަލްބަމެކެވެ.

މި ފަހަކަށް އައިސް މައިލީ އަންނަނީ ތަފާތު އެކި ޖާންރާތަކުގެ މިއުޒިކްގެ އެކްސްޕެރިމެންޓް ކުރަމުންނެވެ. އެގޮތުން، ފާއިތުވި ދެ އަލްބަމެއްގައި އިލެކްޓްރޯނިކާއި ޕޮޕްގެ އިތުރުން ރޮކްގެ ރަހަތަށް ވެސް ވަނީ ހިމަނާފައެވެ.

އަލަށް ނެރޭ އަލްބަމް މި ފަހަރު ވަރަށް ތަފާތުވާނެއެވެ. އެގޮތުން، އަލަށް ނެރެން މަސައްކަތް ކުރާ އަލްބަމަކީ މައިލީގެ ފުރަތަމަ ވިޝުއަލް އަލްބަމެވެ. އަލަށް ނެރޭ އަލްބަމް ސަމްތިން ބިއުޓިފުލް އަކީ ފިލްމެއްގެ ގޮތަށް ނެރޭނެ އަލްބަމެކެވެ. މި ފިލްމުން އެކި ގިނަ ވާހަކަ ކިޔައިދިނުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މައިގަނޑު ތީމު އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަމްތިން ބިއުޓިފުލްގައި ޖުމްލަ 13 ލަވަ ހިމެނޭއިރު މި އަލްބަމްގެ ޓްރެކްލިސްޓު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މައުލޫމާތު ލިބޭގޮތުގައި އަލްބަމްގެ ބައެއް ލަވަތަކުގައި ބައެއް މަޝްހޫރު ފަންނާނުން ފީޗާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަލްބަމް އާންމުންނަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 30ގައެވެ. ކޮލަމްބިއާ ރިކޯޑްސް މެދުވެރިކޮށް ފިލްމު ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރާނެ ޕްލެޓްފޯމެއް ހާމަކޮށްފައެއް ނުވެއެވެ.

ސަމްތިން ބިއުޓިފުލް މި އަހަރު ނެރެން މަސައްކަތް ކުރާއިރު މިއީ 2023 އަށް ފަހު މައިލީ މިއުޒިކް ރިލީޒްކުރާ ފުރަތަމަ ފަހަރެވެ. މައިލީ 2023 ވަނަ އަހަރު ނެރުނު އަލްބަމް "އެންޑްލެސް ސަމާ" ވަނީ ބޮޑު ހިޓަކަށް ވެފައެވެ.

Redstar
comment ކޮމެންޓް