އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތަކުގެ މަޝްވަރާ ޗެޓަށް އޮޅިގެން ނޫސްވެރިޔަކު ވެއްދިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޔަމަނަށްދޭ ހަމަލާތަކުގެ މަޝްވަރާތަކަށް ނޫސްވެރިޔަކު އޮޅިގެން ހިމެނުނު މައްސަލައާގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/އޭޕީ

ޔަމަނުގެ ހޫޘީންނަށް އެމެރިކާއިން ދޭ ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރި ގްރޫޕް ޗެޓެއްގައި އޮޅިގެން އެމެރިކާގެ ނޫސްވެރިޔަކު ހިމެނިފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

އެ ގްރޫޕްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާއި ނާއިބު ރައީސް ޖޭޑީ ވެންސް އަދި އެހެން އިސް އޮފިޝަލުންވެސް ހިމެނެއެވެ.

އޮޅިގެން އެ ޗެޓްގައި ހިމެނިފައި ވަނީ އެޓްލާންޓިކްގެ ޗީފް އެޑިޓާ ޖެފްރީ ގޯލްޑްބާގްއެވެ. ހޯމަ ދުވަހު ދަ އެޓްލާންޓިކް އިން ޝާއިއުކުރި ގޯލްޑްބާގްގެ ލިޔުމެއްގައި ބުނީ ހޫޘީންގެ އަމާޒުތަކަށް އެމެރިކާއިން ބޮން އަޅަމުންދާކަން ދުނިޔެއަށް އެގުނީ މި މަހުގެ 15 ވަނަ ދުވަހު މެންދުރުފަހު ދޭއް ޖެހިއިރު ކަމަށާއި ނަމަވެސް އެ ހަމަލާތައް ދޭން އުޅޭކަން އޭގެ ދެ ގަޑިއިރު ކުރިން އޭނާއަށް އެނގިފައިވާ ކަމަށެވެ.

ގޯލްޑްބާގް ބުނީ މެސެޖިން އެޕް ސިގްނަލްއިން މައިކަލް ވޯލްޓްޒް ނަމަކަށް ކިޔާ މީހެއްގެ ރިކުއެސްޓް އޭނާއަށް ލިބުނު ކަމަށެވެ. އަދި ވޯލްޓްޒް އަކީ ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް ވެދާނެ ކަމަށް ފުރަތަމަ ހިތަށްއެރި ކަމަށް އޭނާ ބުންޏެވެ.

އޮޅިގެން ނޫސްވެރިޔާ ގްރޫޕް ޗެޓްގައި ހިމެނިފައިވާ ކަމަށް ގައުމީ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ވައިޓް ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޗެޓަށް ނަންބަރު ލެވުނީ ކިއްވެގެންކަން ބަލަމުން އަންނަ ކަމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ބްރަޔަން ހިއުސް ވިދާޅުވިއެވެ.

ޑިފެންސް ސެކްރެޓަރީ ހެގްސެތު މިދިޔަ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދެއްކެވި އިރު ސެކިއުރިޓީ ބްރީޗްވުމުގެ މި މައްސަލައިގެ ޒިންމާއެއް ނުއުފުއްލެވިއެވެ. އޭގެ ބަދަލުގައި އޭނާ ވަނީ އެ ޗެޓްގައި ހަނގުރާމައިގެ ޕްލޭނެއްގެ ވާހަކަ ނުދައްކާ ކަމަށް ވިދާޅުވެ، ގޯލްޑްބާގަށް ބަހުގެ ހަމަލާ ދެއްވައިފައެވެ.

ނަމަވެސް ގޯލްޑްބާގް ލިޔެފައިވާ ގޮތުގައި ޔަމަނުގައި ހަމަލާދޭންވީ ޓާގެޓްތަކާއި އެމެރިކާއިން ބޭނުންކުރާނެ ހަތިޔާރާއި ދެ ހަމަލާގެ ދެމެދު ހޭދަވާނެ ވަގުތު ފަދަ މައުލޫމާތު ހެގްސެތު ވަނީ ގްރޫޕް ޗެޓަށް ފޮނުވާފައެވެ.

އެކަމާގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަދައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް