ވޮޝިންޓަން (24 މާޗް 2025) : އެމެރިކާ ލަފާކުރި ގޮތަށް ޔަމަންގެ ހޫޘީންނަށް ދޭ ހަމަލާތަކުން ނަތީޖާ ނުފެނުނު ކަމަށާއި ހޫޘީން އެމެރިކާގެ އާގު ބޯޓުތަކަށް ދޭ ހަމަލާތައް ދަނީ އިތުރުވަމުން ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މައިކް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.
ވޯލްޓްޒް ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްގެ ހޫޘީންނާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރަންފެށުމުން ދާދިއަވަހަށް ހޫޘީން ބަލިވެ އެ މީހުންގެ ހަމަލާތަކުން އެމެރިކާއާއި އެމެރިކާގެ މަސްލަހަތު އޮންނަ އާގު ބޯޓުތައް ސަލާމަތް ވެގެންދާނެ ކަމުގެ އުންމީދު އާލާވިއެވެ.
ނަމަވެސް ވޯލްޓްޒް ވިދާޅުވި ގޮތުގައި ނަތީޖާ ފެނިގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ހޫޘީންގެ ހަމަލާތަކަށް ބަދަލެއް ނާދެއެވެ. ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އަރަބި ކަނޑާއި ރަތްކަނޑުން ދަތުރުކުރާ އެމެރިކާއާއި އެމެރިކާގެ މަސްލަހަތު އޮންނަ އާގު ބޯޓުތަކުގެ ހަތަރު ބައިކުޅަ ތިންބައި ބޯޓުތަކަށް ބާބުލް މަންދަބް ކަނޑުއޮޅި ހުރަސްކޮށް ރަތްކަނޑުން ގޮސް ސްވޭސް ކެނެލް އަކަށް ނުދެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އަނެއްކޮޅު ކަމަށްވާ ސްވޭސް ކެނެލް ހުރަސްކޮށް ރަތްކަނޑުން ލާފައި ބާބުލް މަންދަބް ހުރަސްކޮށް އަރަބި ކަނޑުން ވެސް އެމެރިކާގެ ހަތަރު ބައިކުޅަ ތިންބައި އާގު ބޯޓުތަކަށް ދަތުރު ނުކުރެވޭކަމަށް ވޯލްޓްޒް ވިދާޅުވިއެވެ.
އެމެރިކާގެ ސީބީއެސް ނިއުސް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ވޯލްޓްޒް ވިދާޅުވީ ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އެމެރިކާގެ މަސްލަހަތު އޮންނަ އާގު ބޯޓުތައް ދަތުރު ކުރަން ޖެހެނީ ސްވޭސް ކެނެލް ހުރަސް ކުރުމުގެ ބަދަލުގައި އެފްރިކާގެ ކޭޕްއޮފް ގުޑްހޯޕް ވަށާލާފައެވެ. މިކަމުގެ ސަބަބުން ދަތުރު އިންތިހާއަށް ދިގުވެ ދަތުރުގެ ޚަރަދުވެސް އިންތިހާއަށް ބޮޑުވެގެން ދެއެވެ.
ނަތީޖާއަކީ އެމެރިކާއާއި އެމެރިކާގެ މަސްލަހަތު އޮންނަ އާގު ބޯޓުތައް އޮޕަރޭޓް ކުރާ ކުންފުނިތަކަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ.
ޔަމަންގައި ވެރިކަން ކުރާ ހޫޘީ ޖަމާއަތުން އެމެރިކާ އާއި އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާދޭން ފެށީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް މީގެ އަށް ދުވަސް ކުރިން އެމެރިކާގެ މަދަދާއި ތާއީދާއެކު އަލުން ފެށުމުންނެވެ.
ޣައްޒާގެ ގަތުލުއާންމުތައް އިސްރާއީލުން މެދުކަނޑާލުމުން ހޫޘީން ވެސް އެމެރިކާއާއި އިސްރާއީލުގެ އާގު ބޯޓުތަކަށް ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލިއެވެ. ނަމަވެސް އެމެރިކާގެ އެހީއާއެކު އިސްރާއީލުން ގަތުލުއާންމުތައް އަލުން ފެށުމުން އޭގެ ރައްދުގައި ހޫޘީން ވެސް އެމެރިކާއާއި އިސްރާއީލުގެ އާގު ބޯޓުތަކާ ދެކޮޅަށް އަލުން ހަމަލާތައް ދޭން ފެށީއެވެ.
ހޫޘީން އެމެރިކާގެ އާގު ބޯޓުތަކަށް ހަމަލާ ދެނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލު އާންމުތަކަށް އެމެރިކާއިން އެހީތެރިވެދޭތީއެވެ. ހަތިޔާރުގެ ގޮތުންނާއި އެނޫން ގޮތްގޮތުންނެވެ. އަނެއްކޮޅުން އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ގައުމަކީ އެމެރިކާ ކަމަށްވާތީއެވެ.
އެމެރިކާއިން ޔަމަންގެ ހޫޘީންނަށް ދޭ ހަމަލާތައް ކިތަންމެ ގަދަފަދަ ނަމަވެސް އެހަމަލާތަކުން ޝަހީދުވެ ދަނީ ޔަމަންގެ ކުށެއްނެތް އާންމުންނެވެ. ހޫޘީންގެ އަސްކަރީ ގާބިލްކަމަށް އެމެރިކާގެ ހަމަލާތަކުން މާބޮޑު އަސަރެއް ކުރާތަނެއް ނުފެނެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ޝުން ބާނެލް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހޫޘީން ވަނީ އެމެރިކާއާއި އެމެރިކާގެ މަސްލަހަތު އޮންނަ 145 އާގު ބޯޓަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި މީގެތެރެއިން ގިނަ ބޯޓުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހޫޘީންގެ ހަމަލާތަކުން އެމެރިކާގެ އާގު ބޯޓުތަކަށް ލިބުނު ގެއްލުންތަކާއި އެހަމަލާތަކުގެ ސަބަބުން ސްވޭސް ކެނެލްގެ ބަދަލުގައި އެފްރިކާގެ ކޭޕް އޮފް ގުޑްހޯޕް ހުރަސްކޮށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުންތައް ވަރަށް ބޮޑު ކަމަށާއި މިކަން ގަބޫލު ނުކުރެވޭނެކަމަށް ބާނެލް ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ހަމައެކަނި އެމެރިކާގެ ކުންފުނިތަކަށް ލިބުނު ގެއްލުންތަކުގެ މިންވަރު ހަތްސަތޭކަ މިލިޔަން ޑޮލަރަށް ވުރެ ބޮޑެވެ. މިގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ބައެއް ކުންފުނިތައްވަނީ ބަނގުރޫޓް ވާ ހާލަތުގައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ހޫޘީންގެ އިންފޮމޭޝަނާބެހޭ ވެރިޔާ ނަސްރުއްދީން އާމިރު ވިދާޅުވި ގޮތުގައި އެމެރިކާގެ އާގު ބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް ހުއްޓާލުމުގެ ބާރު އޮތީ ޚުދު އެމެރިކާގެ އަތުގައެވެ. އެމެރިކާއިން އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސަރ ކުރުން ހުއްޓާލައިފިނަމަ އަދި ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި އެ ނޫން ވެސް ވަސީލަތްތައް ދިނުން އެމެރިކާ ހުއްޓާލައިފިނަމަ އެމެރިކާގެ އާގު ބޯޓުތަކަށް ދޭ ހަމަލާތައް ހޫޘީން ހުއްޓާލާނެއެވެ.
އެހެންކަމުން އެމެރިކާގެ އާގު ބޯޓުތަކަށް ލިބޭ ގެއްލުންތަކަކީ އެމެރިކާ އަމިއްލައަށް ދޭ ގެއްލުންތަކެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. ހޫޘީންނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްގެން ހޫޘީންގެ ހަމަލާތައް ހުއްޓުވޭނެކަމަށް އެމެރިކާ ދެކޭނަމަ އެމެރިކާގެ ވެރިކަން އެތިއްބެވީ ހުވަފެނެއްގައި ކަމަށް ވެސް ހޫޘީންގެ އިންފޮމޭޝަނާބެހޭ ވެރިޔާ ނަސްރުއްދީން އާމިރު ވިދާޅުވިއެވެ.